އަތުގައި ބާރުތައް ހިފަހައްޓައިގެން ވެރިކަން ކުރުމަށްވުރެ މާ ބޮޑު ނިޔަތެއް އެބައޮތް ކަމަށާއި ރައްޔިތުންނަށް ބާރުތައް ދޫކޮށްލުމަކީ މާ ކުރިން ނިޔަތް ގަނެފައިވާ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިން ލޯންޗު ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ލިބިފައިވާ އިހުތިޔާރަކާއި ބާރެއް ދޫކޮށްލުމަކީ އެއްވެސް އިރެއްގައި އެއްވެސް މީހަކަށް ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ލާމަރުކަޒު ކުރުން މިއަދާ ހަމައަށްވެސް ލަސްވެފައިވާ ކަމަށެވެ.
"ލާމަރުކަޒު ނުވެ އޮތުމުން، އަތޮޅުތަކުގައި ތިބެ ރައްޔިތުން ތަހަންމަލު ކުރަންޖެހޭ ތަކުލީފުތައް އަޅުގަނޑުމެން އެމްޑީޕީއަށް އަބަދުވެސް ވަރަށް ސާފު. އެ މަންޒަރާއި އޭގެ ތަޖުރިބާ އަޅުގަނޑުމެން މިތިބީ ކޮށްގެން. އަތުގައި ބާރުތައް ހިފަހައްޓައިގެން ތިބުމަށްވުރެ މާބޮޑު ނިޔަތެއް އަޅުގަނޑުމެންގެ އެބައޮތް. އެއީ، އޮތްނަމަ އޮތް ހުރަހެއް ގިރާކޮށް އެބާރުތައް އޭގެ ހަގީގީ މާނައިގައި އެންމެ ފުޅާކޮށް ރައްޔިތުންނަށް ދޫކޮށްލުން. އެއީ އަޅުގަނޑުމެން މާ ކުރިން ނިޔަތް ގަނެފައިވާ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހީންގެ މައްޗަށް ހިންގާ އަމުރު މައުރޫފުގެ ވެރިކަން، ދިވެހި ރައްޔިތުންނާއެކީ ރައްޔިތުންގެ ބައިވެރިވުމާއެކު ހިންގާ ހެޔޮ ވެރިކަމަކަށް ފުރޮޅާލި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. ރާއްޖެ އުފެދި އެކުލެވިފައި އޮތީ ލާމަރުކަޒީ ސިފަޔަށް ކަމަށާއި ރާއްޖޭގައި މީހުން ވަޒަންވެރިވެ އާބާދުވެފައިވަނީ ލާމަރުކަޒީ ސިފައަށް ކަމަށެވެ. އެހެންކަމުން ދިވެހީންގެ ތަބީއަތާ އެއް ބައްޓަމަށް ދިވެހީންގެ ކަންކަން ލާމަރުކަޒީ ނިޒާމަކުން މެނުވީ ނުހިންގޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަތޮޅުތަކާއި ރަށްތަަކަށް ބާރުތައް ލިބިދޭ ވާހަކަ މަޖިލިސްގޭގައި ދެކެވުނު އިރު އެއާ ދެކޮޅަށް ހުރި އޮއިވަރު އަޅުގަނޑު ދުށިން. އެއިރު އެއީ ރައްޔިތުންގެ މައްޗަށް ހިންގި ވެރިކަން. ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ އެކީ ކުރާ ވެރިކަން،" ރައީސް ވިދާޅުވިއެވެ.
އަމިއްލަ ކަންކަން އަމިއްލަ ބާރުގައި ނިމުމަށް އިންސާނީ ފިކުރު އަަބަދުވެސް ދީލެމުންދާ ކަމަށާއި އެހެން ވާން ފެށީ އިއްޔެ ނުވަތަ މިއަދު ނޫން ކަމަށެވެ. ބާރުތަކާއި ނިންމުންތައް މާދުރު ނުވަތަ އެހެން ތަނެއްގައި މަރުކަޒުވެ، ހިފެހެއްޓިފައި އޮތުމުން ހިފަހައްޓައި އޮބަހެއްޓެނީ މިނިވަންކަމާއި ތަރައްގީ އާއި ކުރިއެރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ނިޒާމަށް ފައްކާވުމަށްޓަކައި އެންމެ ފުރަތަމަ މި ނިޒާމު ދަސްވެ، އަހުލުވެރިވާން ޖެހޭ ކަމަށާއި އެމްޑީޕީއަކީ އެ ޕާޓީ ކަމަށެވެ. ލާމަރުކަޒުވުން ނޫން ގޮތެއް މިއަދު ނެތް ކަމަށާއި އެމްޑީޕީ އެ ބައްޓަމަށް ފެތި ނިމިއްޖެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެއް ތަނެއްގައި ކަންކަން މަރުކަޒުވެ، ހިފެހެއްޓިފައި އޮތުމަށް ވުރެ ގައުމަށް ލާބައޮތް ގޮތަކީ ލާމަރުކަޒު ވުން ކަމަށެވެ. އެއީ އެމްޑީޕީގެ ހުވަފެން ކަމަށާއި އެ ހުވަފެނުގެ ތައުބީރަކީ ރަށްވެހިފަތިހަށް ފައްކާވެފައިވާ އެމްޑީޕީގެ ކެނޑިޑޭޓުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު