ކުރިން ވެރިކަން ކުރަމުން އައީ ރައްޔިތުންގެ މައްޗަށް ކަމަށާއި ލާމަރުކަޒީ ނިޒާމާއެކު ރައްޔިތުންނާއެކު ވެރިކަން ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕެއިން ލޯންޗުކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ދިވެހީންގެ މައްޗަށް ހިންގާ އަމްރު މައުރޫފުގެ ވެރިކަން، ދިވެހި ރައްޔިތުންނާއެކީ ރައްޔިތުންގެ ބައިވެރިވުމާއެކު ހިންގާ ހެޔޮ ވެރިކަމަކަށް ފުރޮޅާލި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. ރާއްޖެ އުފެދި އެކުލެވިފައި އޮތީ ލާމަރުކަޒީ ސިފަޔަށް ކަމަށެވެ. ރާއްޖޭގައި މީހުން ވަޒަންވެރިވެ އާބާދުވެފައިވަނީ ލާމަރުކަޒީ ސިފައަށް ކަމަށާއި ދިވެހީންގެ ތަބީއަތާ އެއް ބައްޓަމަށް ދިވެހީންގެ ކަންކަން ލާމަރުކަޒީ ނިޒާމަކުން މެނުވީ ނުހިންގޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަތޮޅުތަކާއި ރަށްތަަކަށް ބާރުތައް ލިބިދޭ ވާހަކަ މަޖިލިސްގޭގައި ދެކެވުނު އިރު އެއާ ދެކޮޅަށް ހުރި އޮއިވަރު އަޅުގަނޑު ދުށިން. އެއިރު އެއީ ރައްޔިތުންގެ މައްޗަށް ހިންގި ވެރިކަން. ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ އެކީ ކުރާ ވެރިކަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަތުގައި ލިބިފައިވާ އިހުތިޔާރަކާއި ބާރެއް ދޫކޮށްލުމަކީ އެއްވެސް އިރެއްގައި އެއްވެސް މީހަކަށް ފަސޭހަ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ލާމަރުކަޒު ކުރުން މިއަދާ ހަމައަށްވެސް ލަސްވެފައިވާ ކަމަށެވެ.
"ލާމަރުކަޒު ނުވެ އޮތުމުން، އަތޮޅުތަކުގައި ތިބެ ރައްޔިތުން ތަހަންމަލު ކުރަންޖެހޭ ތަކުލީފުތައް އަޅުގަނޑުމެން އެމްޑީޕީއަށް އަބަދުވެސް ވަރަށް ސާފު. އެ މަންޒަރާއި އޭގެ ތަޖުރިބާ އަޅުގަނޑުމެން މިތިބީ ކޮށްގެން. އަތުގައި ބާރުތައް ހިފަހައްޓައިގެން ތިބުމަށްވުރެ މާބޮޑު ނިޔަތެއް އަޅުގަނޑުމެންގެ އެބައޮތް. އެއީ، އޮތްނަމަ އޮތް ހުރަހެއް ގިރާކޮށް އެބާރުތައް އޭގެ ހަގީގީ މާނައިގައި އެންމެ ފުޅާކޮށް ރައްޔިތުންނަށް ދޫކޮށްލުން. އެއީ އަޅުގަނޑުމެން މާ ކުރިން ނިޔަތް ގަނެފައިވާ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓް،" ރައީސް ވިދާޅުވިއެވެ.
އަމިއްލަ ކަންކަން އަމިއްލަ ބާރުގައި ނިމުމަށް އިންސާނީ ފިކުރު އަަބަދުވެސް ދީލެމުންދާ ކަމަށާއި އެހެން ވާން ފެށީ އިއްޔެ ނުވަތަ މިއަދު ނޫން ކަމަށެވެ. ބާރުތަކާއި ނިންމުންތައް މާދުރު ނުވަތަ އެހެން ތަނެއްގައި މަރުކަޒުވެ، ހިފެހެއްޓިފައި އޮތުމުން ހިފަހައްޓައި އޮބަހެއްޓެނީ މިނިވަންކަމާއި ތަރައްގީ އާއި ކުރިއެރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ކުރިން އެއީ ރަސްކަމުގެ ދަރުބާރުން، ރަދުންގެ ހިރިޔާފާތުރާގެ ދަށުން މެނުވީ އެއްވެސް ރައްޔިތަކަށް ހިރިނުލެވުނު މަރުކަޒީ ޒަމާން. އެއްވެސް ކަމެއް ނިކަމެތި ރައްޔިތުންނަށް ފަހިކޮށްދިނުމެއް އެއިރަކު ނޯވޭ. މަސް، ރޯނު، ބޮއްޔާއި ދަނޑިފަން އަދި ކުފުރާއާ ކުރާ ހުރިހާ މަަަސައްކަތަކާއި އެއްކުރި ކޮންމެ އެއްޗެއްގެ ވާރު ދައުލަތުގައި ކޮށާރު ކުރެވޭ. މީހުން ދިރިއުޅުނަސް ނޫޅުނަސް ހުރިހާ ރަށަކާއި އެންމެހާ ރައްޔިތުންނާއި އެ ރައްޔިތުންގެ މުދަލާއި ގެދޮރާއި ހަށި ފުރާނައިގެ އިހުތިސޯސް އެއިރު އޮންނަނީ މަރުކަޒުކުރެވިފަ،" ރައީސް ވިދާޅުވިއެވެ.
މި ނިޒާމަށް ފައްކާވުމަށްޓަކައި އެންމެ ފުރަތަމަ މި ނިޒާމު ދަސްވެ، އަހުލުވެރިވާން ޖެހޭ ކަމަށާއި އެމްޑީޕީއަކީ އެ ޕާޓީ ކަމަށެވެ. ލާމަރުކަޒުވުން ނޫން ގޮތެއް މިއަދު ނެތް ކަމަށާއި އެމްޑީޕީ އެ ބައްޓަމަށް ފެތި ނިމިއްޖެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެއް ތަނެއްގައި ކަންކަން މަރުކަޒުވެ، ހިފެހެއްޓިފައި އޮތުމަށް ވުރެ ގައުމަށް ލާބައޮތް ގޮތަކީ ލާމަރުކަޒު ވުން ކަމަށެވެ. އެއީ އެމްޑީޕީގެ ހުވަފެން ކަމަށާއި އެހުވަފެނުގެ ތައުބީރަކީ ރަށްވެހިފަތިހަށް ފައްކާވެފައިވާ އެމްޑީޕީގެ ކެނޑިޑޭޓުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު