ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ވަކީލުންގެ ފޯނު ކޯލުތައް ސަރުކާރުން އަޑުއަހާ ކަމަށް އެމަނިކުފާނުގެ ވަކީލުން މިއަދު ތުހުމަތުކޮށްފިއެވެ.
އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަކީލާއި މުވައްކިލުގެ ބައްދަލުވުންތަކާއި ފޯން ކޯލްތަކަކީ ގާނޫނީ ގޮތުން ރައްކާތެރިކުރެވިގެންވާ މުއާމަލާތްތަކެއް ކަމަށްވީނަމަވެސް، ރައީސް ޔާމީނާއެކު ދެކެވިފައިވާ އަދި އެހެން އެއްވެސް ފަރާތަކާ ހިއްސާކޮށްފައި ނުވާ ބައެއް ވާހަކަތަކަށް އުނިއިތުރު ގެނެސްގެން ސަރުކާރަށް ތާއީދުކުރާ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ވަކީލުން ބުނީ އެކަން އެގޮތަށް ހިނގާފައިވާތީ ރައީސް ޔާމީނާއި ވަކީލުންނާއދެމެދު ދެކެވޭ ވާހަކަތައް އަޑުއެހުމުގެ ފިނޑި އަމަލު ސަރުކާރުން ހިންގާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
"މިކަން ހިނގައިދިޔަ ގޮތް ބަލާއިރު، އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ މުވައްކިލާ ދެމެދު ދެކެވޭ ވާހަކަތައް އަޑުއެހުމުގެ ފިނޑި އަމަލު ސަރުކާރުން ހިންގާކަމުގެ ތުހުމަތު ވަރަށް ބޮޑަށް ކުރެވޭތީ، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އިލްތިމާސްކުރަމެވެ..،" ބަޔާނުގައިވެއެވެ.
ބަޔާނުގައި ވަނީ ވަކީލުންނާއި މުވައްކިލާ ކުރެވޭ މަޝްވަރާތަކަކީ ރައްކާތެރިވެެގެންވާ މުއާމަލާތްތަކެއް ކަން ކަރެކްޝަންސް އިން ކަށަވަރުކޮށްދިނުމަށްވެސް އިލްތިމާސްކޮށްފައެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނީ، ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ އިތުރު މައްސަލައިގެ ތަހުގީގު ބަޔާނެއްގައި ސޮއިކުރަން މިއަދު މާފުށީ ޖަލަށް ދާން ފުލުހުން ވަކީލުންނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ތަހުގީގު އަވަސްކުރަން ޖެހޭ ޒަރޫރަތެއް ނެތްއިރު، އަދި ކޮވިޑް 19ގެ ހާލަތު ގޯސްވަމުންދާތީ ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަކަށް ނުވާނެތީ ބަޔާނުގައި ސޮއިކުރުން ފަސްކޮށްދިނުމަށް ވަކީލުންގެ ފަރާތުން އެދުނު ނަމަވެސް ފުލުހުން އެކަމާ ދެކޮޅު ހަދާފައިވާ ކަމަށެވެ.
ވަކީލުން ވަނީ ރައީސް ޔާމީންގެ ތަހުގީގު އަވަސް އަރުވާލައިގެން ކުރިއަށް ގެންދަން އުޅުމުން ސަރުކާރުގެ ރަނގަޅު ނިޔަތެއް އޮތް ކަމަށް ނުދެކޭ ކަމަށް ބުނެފައެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު 29، 2019 ގައެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މި ހުކުމް އިއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ޔާމީންގެ އެކައުންޓަކަށް އެ ފައިސާ ޖަމާކުރި މައްސަލައިގައެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށްފަހު، އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކުގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް ފައިސާގެ އަސްލު އޮޅުވާއި އެ ފައިސާއިން ފައިދާ ހޯދަމުން އަންނަކަން ވެސް ވަނީ ސާބިތުވެފައެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާގައި ދައުލަތުން ބުނެފައިވަނީ، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށް އަސްލު އޮޅުވާލާފައިވަނީ އެމްއެމްޕީއާރުސީން ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުން ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު