ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުން ހިންގާ ހަރަކާތްތަކާ މެދު ސަމާލުވެ ރައްކާތެރިވެ ތިބުމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިންް އިލްތިމާސްކޮށްފިއެވެ.
އެ ސެންޓަރުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދިވެހިންނަކީ ޒަމާނުއްސުރެ އިސްލާމް ދީނުގެ މަތިވެރި އަގީދާގައި ސާބިތުވެ، ގައުމީ ރޫހާއި ޖޯޝުގައި އެކުވެރިކަމާއެކު އުޅެމުން އަންނަ ސުލްހައަށް ލޯބިކުރާ، އެއްބައިވަންތަ، އޯގާތެރި އަދި ޒަމާންވީ ސަގާފަތެއް ދަމަހައްޓަމުން އަންނަ ބައެއް ކަމަށެވެ.
ނަމަވެސް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން، ދިވެހީންގެ ތެރޭގައި އޮތް ޒަމާންވީ ރިވެތި އުސޫލުތަކާއި ސަގާފީ ސިފަތައް ނައްތާލައި ހެދިފައިވާ ގާނޫނުތަކާ ހިލާފު އަމަލުތައް ހިންގައި، ހަރުކަށި ފިކުރުތަކުގެ ވިހަ އަސަރު މުޖުތަމައުގައި ފަތުރައި ހަރުކަށި އަމަލުތަކުގެ ތެރެއަށް ދިވެހި ކުޑަކުދިންނާއި ޒުވާނުން ވައްދައި، ދިވެހި މުޖުތަމައުން އެކަހެރިކޮށް، ވަކި ޖަމާއަތްތަކެއް އުފެއްދުމަށްޓަކަައި މަދު ބަޔަކު އަޑީގައި ތިބެގެން މަސައްކަތް ކުރާ ކަމަށާއި އެފަދަ މަސައްކަތްތަކާމެދު އެންމެހާ ފަރުދުން ހޭލުންތެރިވެ، ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށް އެންސީޓީސީން ބުންޏެވެ.
މީގެ އިތުރުން އެ ސެންޓަރުން ބުނީ، ނިރުބަވެރިކަމާއި އެނޫނަސް ހަރުކަށި ފިކުރާ ގުޅޭ އެންމެހާ ނުރައްކާތައް ހުއްޓުވުމަށްޓަކައި ސަލާމަތީ ހިދުމަތްތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށެވެ. ނަމަވެސް ކުޑަކުދިންނާއި ޒުވާނުންގެ ފިކުރު ބަދަލުކުރުމަށްޓަކައި ހިންގަމުންދާ ނުރައްކާތެރި ހަރަކާތްތަކުން ކުޑަކުދިންނާއި ޒުވާނުން ސަލާމަތްކޮށް، ރައްޔިތުންގެ އެއްބައިވަންތަކަން އާލާކޮށް ދެމެހެއްްޓުމަށާއި މިފަދަ އަމަލުތަކަށް މަގުފަހިވާފަދަ ކަންތައްތައް މަދުކުރުމުގައި މުޖުތަމައުގެ އެއްބާރުލުމާއި ބައިވެރިވުން މުހިންމުކަން ފާހަގަކުރިއެވެ.
"އެހެންކަމުން ތިމާއާއި މުޖުތަމައުގެ އެންމެހައި ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހަރުކަށިފިކުރުގެ އެއްވެސް އަމަލެއް ނުވަތަ އެފަދަ އަމަލުތަކަށް މަގުފަހިކުރުމުގެ ހަރަކާތްތައް ފާހަގަކުރެވޭނަމަ، ލަސްނުކުރައްވާ އެކަމުގެ މައުލޫމާތު މޯލްޑިވްސް ޕޮލިސް ސާވިސްއާއި ކަމާގުޅޭ ފަރާތްތަކަށް ހިއްސާކޮށްދެއްވުމަށް އިލްތިމާސް ކުރަމެވެ." އެންސީޓީސީގެ ބަޔާނުގައި ބުންޏެވެ.
އެންސީޓީސީން ބުނީ ހަރުކަށި ފިކުރުގެ ނުރައްކާތެރި ވަބާއިން ރާއްޖެ ސަލާމަތްކުރުމަށްޓަަކައި ތަފާތު ޕްރޮގްރާމްތައް ރާވައި ހިންގުމުގައި އެ ސެންޓަރުގެ އެހީތެރިކަން ބޭނުންވާ އެންމެހާ ފަރާތްތަކަށް އެ ސެންޓަރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ހަރުކަށި ފިކުރުގެ މޫތައް ރާއްޖޭގައިވެސް ލާފައިވާއިރު އެހެން ގައުމުތަކާ އަޅައި ބަލާއިރު ރާއްޖޭގައި ހަރުކަށި ފިކުރު އޮތީ ވަރަށްވެސް ބިރުވެރި ހާލަތެއްގައި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ތ. ތިމަރަފުށިންވެސް މި ފަހުން ވަނީ ހަރުކަށި ފިކުރުގެ ބަޔަކު ހައްޔަރުކޮށްފައެވެ. އެމީހުންނާ މެދު ދައުވާކުރުމަށް މިހާރު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. އެމީހުންގެ އިތުރުން މިދިޔަ އަހަރު ރ. މަޑުއްވަރިންވެސް ވަނީ ހަރުކަށި ފިކުރުގެ ބަޔަކު ހައްޔަރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު