ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން އަށް ހަމަލާ ދިނުމަށްފަހު ފިލަން މަސައްކަތް ކޮށްފައިނުވާނެ ކަމަށް އޭނާއަށް ހަމަލާ ދިން ކަމަށް އިއުތިރާފު ވެފައިވާ ޅ. ހިންނަވަރު/ ބޮޑުހިޔާގެ، އަދުހަމް މުހައްމަދު ބުނެފި އެވެ.
އަދުހަމް އެހެން ބުނެފައިވަނީ، އޭނާގެ މައްޗަށް އުފުލާފައިވާ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގަ އެވެ.
މިއަދުގެ އަޑުއެހުމުގައި އަދުހަމް ވަނީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ހަމަލާ ދިން ކަމަށް އިއުތިރާފުވެ އެކަން ހިނގައި ދިޔަ ގޮތް ތަފުސީލުކޮށް ޝަރީއަތުގެ އަޑުއެހުމުގައި ކިޔައި ދީފަ އެވެ. އަދި ދައުލަތުން ދައުވާ އިއްވައި އެކަމާގުޅޭ ގޮތުން އަދުހަމް ދެކެނީ ކިހިނެއްތޯ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު އެއްސެވުމުން، އަދުހަމު ބުނީ ދައުވާއަށް ދެކޮޅު ނުހަދާ ކަމަށާއި ނަމަވެސް އެއީ އޭނާ ގަސްތުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.
"ދައުލަތަކަށް ވެސް އެނގި ނުލައްވާނެ އަޅުގަނޑު ގަސްތުގައިތޯ ހަމަލާދިނީ ނޫނީ އަޅުގަނޑު ގަސްތުގައި ނޫންތޯ ހަމަލާދިނީ. ސީން ހިނގައި ދިޔަ ގޮތެއް އެ މީހުނަކަށް ނޭނގޭނެ،" އަދުހަމް ބުންޏެވެ.
އޭނާ ބުނީ އެއީ ވަކި މީހަކަށް އަމާޒުކޮށްގެން ވަކި މީހަކަށް ދިން ހަމަލާއެއް ނޫން ކަމަށާއި އެ ދުވަހުގެ މެންދުރުން ފެށިގެން އޭނާ ވަޅިއެއް ހިފައިގެން ހުޅުމާލެ އަދި ހުޅުލޭގައި އުޅެފައިވާނެ ކަމަށެވެ. އަދި އެ ވަޅިއަކީ މަހެއް ކަނޑާލުމަށްފަހު ގެންނާނެ ކަމަށް ބުނެ ހުޅުމާލޭގެ ހޮޓަލަކުން ހޯދި ވަޅެއެއް ކަމަށް ވެސް ބުންޏެވެ.
ފައިސާ ހޯދުމުގެ ނިޔަތުގައި އެ ދުވަހު މެންދުރުން ފެށިގެން އުޅުނު ނަމަވެސް ރަނގަޅު މީހަކާ ދިމާވީ އެ ރޭ ހުޅުމާލެ އިން ކަމަށް އޭނާ ކިޔައިދިނެވެ. އަދި އެއީ ހުޅުލޭގެ ޓެކްސީ ސްޓޮޕުން އެރި ކާރުގައި އިން ގާސިމެވެ. ހުޅުލެ އިން ހުޅުމާލެ އަށް އައިސް މީހުން ނުޅޭ އަނދިރި ހިސާބަކަށް ދެވުމުން އަތުގައި އޮތް ވަޅި ގާސިމުގެ ކަރުގައި ޖެއްސުމަށްފަހު ފައިސާ ދޭން ބުނުމާއެކު އޭނާ ތެޅިގަތުމުން ކަރުގައި ވަޅި އެޅި ޒަހަމްވީ ކަމަށް އަދުހަމު ކިޔައިދިނެވެ. އަދި އޭނާ އެ ސަރަހައްދުން ދިޔައީ ގާސިމް ކާރުން ފައިބައިގެން ދުއްވާ ގަތުމުން ކަމަށް ވެސް ބުންޏެވެ.
"އަޅުގަނޑުގެ ގައިގައި ވެސް ލޭ ހުރި. ދެން ދުވެފައި ގޮސް ހަދަމުން ދިޔަ އިމާރާތެއްގެ ތިރީގައި ކޮނެފައި ހުރި ވަޅުގަނޑަކުން ލޭތައް ދޮވެގެން ދިޔަ މަގުމަތީގައި ރައްޓިއްސަކާ ދިމާވެގެން އޭނަ އަތުން އެހެން ގަމީހެއް ލައިގެން ބަހުގައި މާލެ ދިޔައީ. މާލެ ގޮސް ވެސް ވަރަށް ގިނަ ރައްޓެހިންގެ ގެއަށް ދިއުމަށްފަހު އަޅުގަނޑު އުޅޭ ގެއަށް ދިޔައީ ވެސް،" އަދުހަމް ކިޔައިދިނެވެ.
އޭނާ ދިިރިއުޅޭ ގެއަށް ދިއުމަށްފަހު ވެސް ފިލަން މަސައްކަތް ކޮށްފައި ނުވާނެކަން ފާހަގަކޮށް އަދުހަމް ބުނީ، ފުލުހުން އޭނާ ހޯދަން އަންނާނެކަން އިނގޭ ކަމަށެވެ. އަދި ފުލުހުން އޭނާ ބަލާ އައުމުން އެއްވެސް ގަދަ ހެދުމެއް ދެކޮޅު ހެދުމަކާ ނުލައި ފުލުހުންނާއެކު ގޮސްފައިވާނެ ކަމަށް ވެސް ބުންޏެވެ.
ގާސިމަށް ހަމަލާ ދިން އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް އަދުހަމު މީގެ ކުރިން ބުނި ނަމަވެސް މަސްތުވާތަކެތި އޭނާ ބޭނުންކޮށްފައިވަނީ ކޮންއިރަކު ކަމެއް މިއަދުގެ ޝަރީއަތުގައި ކިޔައިދީފައެއް ނުވެ އެވެ.
އަދުހަމް ވަނީ މީގެ ކުރިން ވެސް ގާސިމަށް ހަމަލާ ދިން ކަމަށް އެއްބަސްވެ ކަން ހިނގައި ދިޔަ ގޮތް ފުލުހުންގެ ތަހުގީގާއި ޝަރީއަތުގައި ވެސް ކިޔައިދީފަ އެވެ. ނަމަވެސް އެއީ އޭރު އެ ވާހަކަތައް ކިޔައި ދިނީ މަޖުބޫރީ ހާލަތުގައި ހުރެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު