ރ. އުނގޫފާރުގައި އަޅާފައިވާ އިސްލާމިކް ސެންޓަރު މަރާމާތު ކުރުމުގެ މަސައްކަތް، އެ ސެންޓަރު އިމާރާތްކުރި އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން އެސްޖޭއަށް މިދިޔަ މަހުގެ 31 ވަނަ ދުވަހު ފޮނުވި ސިޓީގައި ވަނީ އުނގޫފާރު އިސްލާމިކް ސެންޓަރުގެ މަސައްކަތް ކޮށްދެވޭނެ ކަމަށް އެކުންފުނިން އަންގާފައިވާތީ، ސީއެސްއާރުގެ ދަށުން އަންނަ އާދިއްތަ ދުވަހުގެ ކުރިން އެ މަސައްކަތް ނިންމުމަށް އެދޭ ކަމަށެވެ.

އެސްޖޭ ކޮންސްޓްރަކްޝަނުން ބުނީ އުނގޫފާރު އިސްލާމިކް ސެންޓަރު ބޭނުން ނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން އިމާރާތަށް ބައެއް ގެއްލުން ލިބިފައިވާ ކަމަށެވެ. އެހެންވެ ސީއެސްއާރު މަސައްކަތެއްގެ ގޮތުގައި މަރާމާތު ކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީން އެދިފައިވާތީ، އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އުނގޫފާރުގައި އަޅާފައިވާ އިސްލާމިކް ސެންޓަރަކީ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރަޝީމް އަލީގެ ހަނދާނުގައި އަޅާފައިވާ ސެންޓަރެކެވެ.

އުނގޫފާރުގައި އިސްލާމިކް ސެންޓަރު އަޅަން އެސްޖޭއާ ހަވާލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ މާޗް މަހުގެ ދެވަނަ ދުވަހުއެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 25 މިލިއަން ރުފިޔާއަށެވެ.

އުނގޫފާރު އިސްލާމިކް ސެންޓަރުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުގެ މާޗް މަހުގެ ނުވަވަނަ ދުވަހުއެވެ. މަސައްކަތް ހަވާލުކުރީ 510 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އުނގޫފާރޫގެ އިސްލާމިކް ސެންޓަރަކީ އެއްފަހަރާ 1،000 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ ސެންޓަރެކެވެ. އަދި މި ސެންޓަރުގައި 400 މީހުންގެ ޖާގައިގެ މަލްޓިޕަޕޮސް ހޯލަކާއި ކްލާސްރޫމާއި ލައިބްރަރީއެއް ހިމެނެއެވެ.