މީގެ ނުވަ އަހަރު ކުރިން މާލޭގައި މަރާލި ސ. ހިތަދޫ/ ވަރުދީގޭ އަހުސަން ބަޝީރުގެ މަރުގެ މައްސަލައިގައި، ކުރިމިނަލް ކޯޓުން ކުށް ސާބިތުނުވާ ކަމަށް ހުކުމްކުރި ދެ މީހުންގެ އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.
އަހުސަން މަރާލާފައިވަނީ މާޗު 16، 2011 ގެ ރޭ މެންދަމު 3:20 އެހައިކަންހާއިރު، އަލިކިލެގެފާނުމަގާއި މަޖީދީމަގާ ގުޅުނު ކަންމައްޗާވީ ހިސާބުގައި އޭނާ އުޅެނިކޮށް ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.
އަހުސަންގެ މަރުގެ މައްސަލައިގައި ގ. ކޯޒީ/ އިބްރާހީމް ޝަހުމް އާދަމާއި މއ. ވީނަސްތަރި/ ހަސަން ޝިމާޒު މުހައްމަދު ސުވާދުގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ނިންމީ 2014 ވަނަ އަހަރުގައެވެ. އަދި ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކޮށްފައިވަނީ ޑިސެމްބަރު 29، 2015 ގަ އެވެ.
އެ މައްސަލައިގައި މިއަދު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން އެދެފައިވަނީ ޝަހުމާއި ޝިމާޒުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް ދިނުމަށެވެ.
އެކަމަށް ބާރު ދޭ އެންމެ މުހިންމު ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ، ޒަހަމް ވުމުން އަހުސަނު ހޮސްޕިޓަލަށް ގެންދިޔަ ދެ މީހެއްގެ ހެކި ބަހެވެ. އަހުސަންއާ ހަވާލާދީ އެ ދެ މީހުން ހެކިބަސްދީ ބުނެފައިވަނީ، އޭނާއަށް ހަމަލާދިނީ ޝަހުމު އާއި ޝިމާޒު ކަމަށެވެ. އަދި އެ ދެ މީހުން އަހުސަނަށް ހަމަލާ ދިން މަންޒަރު ފެނުނު ކަމަށް އިތުރު މީހަކު ވެސް ވަނީ ހެކިބަސް ދީފަ އެވެ.
ހަމަލާ ދިން މަންޒަރު ފެނުނު ދެ މީހުންގެ ހެކިބަސް ލިބިފައިނުވާތީ ކަމަށް ބުނެ ޝަހުމް އާއި ޝިމާޒުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް ދައުލަތުން ބުނީ، ދެ ފިރިހެނުންގެ ހެކިބަސް ނެތަސް، އެހެން ހެކިތަކާއި ގަރީނާތަކުން ގަސްދު މަރެއް ސާބިތު ކުރެވިދާނެ އެވެ. އަދި އެގޮތަށް ހައި ކޯޓުން ކުރިން މައްސަލަތައް ނިންމާފައި ހުރިކަން ދައުލަތުން ފާހަގަކުރި އެވެ.
އެ މައްސަލައިގައި ހިމެނޭ ޝަހުމް މިހާރު އަންނަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ 2010 ވަނަ އަހަރު ޔޫތު ސެންޓަރާއި ޖެހިގެން އޭރު އޮންނަ ފުޓުބޯޅަ ދަނޑެއްގެ ތެރޭގައި ހިންގި މާރާމާރީއެއްގައި މ. ބިއުޓީފްލާވާ/ މުހައްމަދު ހުސައިން މަރާލި މައްސަލައިގަ އެވެ. ނަމަވެސް އެ ޝިމާޒު ހުރީ ދޫކޮށްލައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު