ސާފު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ތިމާވެއްޓެއް ނެތި، އިންސާނީ ހައްގުތައް ރައްކާތެރިނުކުރެވޭނެ ކަމަށް ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ފޮރިން ސެކރެޓަރީ މިހެން ވިދާޅުވީ "ދަ ކޭސް ފޯ ދި ޔުނިވާސަލް ރިކޮގްނިޝަން އޮފް ދަ ރައިޓް ޓު އަ ސޭފް، ކްލީން، ހެލްތީ އެންޑް ސަސްޓެއިނަބަލް އެންވާރަމެންޓް" މިނަމުގައި އދގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ 46 ވަނަ ބައްދަލުވުމުގެ ހަވާސާގައި ރޭ، ޔުނިވާސަލް ރައިޓްސް ގްރޫޕްއިން އިންތިޒާމުކޮށްގެން ބޭއްވި ވާޗުއަލް ބައްދަލުވުމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެންނަވާ ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި އިންސާނީ ހައްގުތަކާއި ތިމާވެއްޓާ ބެހޭ ކޯ ގްރޫޕްގެ މެމްބަރު ގައުމުތަކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި ފޮރިން ސެކްރެޓެރީ ވަނީ އިންސާނީ ހައްގުތަކާއި ތިމާވެއްޓާ ހުރި ގުޅުމާ ބެހޭގޮތުން ދިގު މުއްދަތަކަށް ކުރެވެމުން އަންނަ މަޝްވަރާތަކާ ގުޅޭ ވާހަކަ ދައްކަވައިފަ އެވެ. އަދި ބައިނަލްއަގުވާމީ މައިދާނުގައި ކުރެވޭ ބަހުސްތަކުގައި މޫސުމަށް އަންނަ ބަދަލުތަކާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ މުހިންމުކަން އަންގައިދިނުމުގައި ދިވެހިރާއްޖެއިން ވެސް މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިންސާނީ ހައްގުތަކާއި ތިމާވެއްޓަށް ހާއްސަ ރެޕެޓުއާއެއް ތައްޔާރުކޮށްފައިވާކަން ވަނީ ފާހަގަކުރައްވައިފަ އެވެ.

ފޮރިން ސެކެރެޓަރީ ޣަފޫރު ވިދާޅުވީ ސާފު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ތިމާވެއްޓެއް ނެތި، އިންސާނީ ހައްގުތައް ރައްކާތެރިނުކުރެވޭނެ ކަމަށެވެ. އަދި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ދިމާވާ ގެއްލުންތަކުގެ ސަބަބުން ރައްޔިތުންގެ، ހާއްސަކޮށް ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުސްވުމުން ރާއްޖެ ފަދަ ނާޒުކު ގައުމަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.

ދިވެހި ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި އިންސާނީ ހައްގުތަކާއި ތިމާވެއްޓާ ބެހޭ އދގެ ކޯ ގްރޫޕުން ކުރަމުން އަންނަ މަސައްކަތަށް މެމްބަރު ގައުމުތަކުގެ އެއްބާރުލުން ދެއްވުމަށް އޭނާ އެދިވަޑައިގަތެވެ.

ތިމާވެށި ރައްކާތެރިކުރުމާއި ހިމާޔަތްކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި މި ބައްދަލުވުމުގައި އިންސާނީ ހައްގުތަކާއި ތިމާވެށީގެ މިހާރުގެ ހާއްސަ ރެޕެޓުއާ ޑޭވިޑް ބޯއިޑް، އަދި ކުރީގެ ރެޕެޓުއާ ޖޯން ނޮކްސްގެ އިތުރުން ޔުނިވާސަލް ރައިޓްސް ގްރޫޕްގެ އެގްސެކެޓިވް ޑިރެކްޓަރ މާކް ލިމަންގެ ޕްރެޒެންޓޭޝަން ވަނީ ހުށަހަޅައިފައެވެ.