ރިޕޯޓް

އައްޑޫސިޓީގެ ހިދުމަތްތެރި ނަރުސް ވަކިވެދިއުން: ކެންސަރާ ހަނގުރާމަކުރަމުން ވެސް ދެއްކީ ފުރިހަމަ ނަމޫނާއެއް

ރިފާ ހަލީލު

ކެންސަރު ބަލީގައި ދުވަސްތަކެއް އުޅުމަށްފަހު މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި މަރުވި އައްޑޫ ސިޓީ އިކުއެޓޯރިއަލްގައި މަސައްކަތް ކުރާ ނަރުހެއް ކަމަށްވާ، ސ. ހިތަދޫ ކާނޭޝަންމާގެ ޝިޔާމާ އަލީގެ މަރުގެ ހަބަރަކީ މުޅި ހިތަދޫ އަށް ފުން ހިތާމައެއް ލިބުނު ހަބަރެކެވެ. މުޅި ސޯޝަލް މީޑިއާ ފުރިގެން ދިޔައީ ޝިޔާމާގެ ހިތް ހެޔޮ ކަމާ ގާތް ކަމުގެ ވާހަކަތަކުންނެވެ.

އައިޖީއެމްއެޗްގައި ފަސް އަހަރު ހިދުމަތް ކުރުމަށްފަހު އަމިއްލަ ރަށަށް ހިދުމަތް ކުރުމުގެ ފޮނި އުއްމީދާއެކު ޝިޔާމާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތް ކުރަން ފެށިއެވެ. އަދި މިފަހުން އިކުއެޓޯރިއަލް ހޮސްޕިޓަލް އަށް ބަދަލުވެ އަމިއްލަ ރަށަށް ސިއްހީ ހިދުމަތްތެރިއެއްގެ ގޮތިގައި މަސައްކަތް ކުރާތާ 29 އަހަރުފަހުން ޝިޔާމާ ވަކިވެގެންދިޔުމަކީ އެ ހޮސްޕިޓަލަށާއި މުޅި ރަށަށް ހިތާމަވެރިކަން ގެނުވި ކަމެކެވެ.

ޝިޔާމާ އެންމެ ފަހުން މަސައްކަތް ކުރަމުންދިޔަ އައްޑޫ ސިޓީ އިކުއެޓޮރިއަލް ހޮސްޕިޓަލުން ބުނީ ޝިޔާމާ އަކީ އެ ހޮސްޕިޓަލަށް އަގު ނުކުރެވޭފަދަ ގިނަ މަސައްކަތްކޮށްދޭފައިވާ މުވައްޒަފެއް ކަމަށެވެ. ކެންސަރު ބަލި ޖެހިފައިވާކަން އެނގުނު ފަހުންވެސް ޝިޔާމާ ޑިއުޓީއަށް ނުކުންނަމުން ދިޔައެވެ. އަމިއްލައަށް ކެންސަރާ ހަނގުރާމަ ކުރަމުން ދިޔަ ނަމަވެސް، އެހެން ބަލިމީހުންނަށް ދައްކަމުން ދިޔައީ ހިނިތުންވުމެވެ. ދެމުން ދިޔައީ ހިތްވަރެވެ.

ޝިޔާމާގެ ވަކިވެދިއުމުން ލިބުނު ފުންއަސަރާއި އެކު އެމަރްހޫމާއަށް ހެޔޮ ދުއާގެ މެސެޖުތަކުން މުޅި ސޯޝަލް މީޑިއާ ދިޔައީ ފުރެމުންނެވެ. ޝިޔާމާ އަކީ އާއިލާގެ މީހުންނާއި ރައްޓެހިންނާއި އަވައްޓެރިންނާއި އަދި ހޮސްޕިޓަލަށް ގޮސް އޭނާއާ ދިމާވާ ކޮންމެ މީހަކާވެސް ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު ގުޅުން ބޭއްވި މީހެއް ކަމަށް އޭނާ ދަންނަ އެންމެންވެސް ބުނެފައި ވެއެވެ.

"ޝިޔާމާ އަކީ އޯގާތެރިކަމުގެ ލާމަސީލު މިސާލެއް. ބަލިއިރިވެސް ބަރާބަރަށް ހޮސްޕިޓަލަށް ގޮސް ހުރިހާ މަސައްކަތްތަކެއް ކުރާނެ. އޭނާ ވަކިވި ކަމަށް ގަބޫލު ކުރަންވެސް ދަތި. ޝިޔާމާ އަކީ އާއިލާގެ އެންމެންގެ ހާލު ބަލައި ހެދި އާދަޔާ ހިލާފު މީހެއް. ދިމާވި އެންމެންވެސް ބުނާނެ އެވަރުގެ ނަރުހެއް ނުހުންނާނެޔޭ. އޭނާއަށް ޓަކައި ވަރަށް ފަހުރުވެރިވޭ. އެކަމަކު މިއަދު ޝިޔާމާ ވަކިވެގެން ދިއުމުން ވަރަށް އަސަރުކުރޭ. ވަރަށް ދެރަވޭ." ޝިޔާމާ ގެ އާއިލާގެ މީހަކު ވަން އަށް ބުންޏެވެ.

ޝިޔާމާ އަށް ކެންސަރު ބަލި ޖެހިފައިވާކަން އެނގުނީ މީގެ ދެއަހަރުދުވަސް ކުރިން ކަމަށާއި އޭގެ ފަހުން އެ ބައްޔަށް އޭނާ ފަރުވާ ހޯދަމުން ދިޔަ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. އަދި މަރުވީވެސް އިންޑިއާގައި ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް ބުންޏެވެ.

ޝިޔާމާގެ އަވަށްޓެރިން ފާހަގަ ކުރި ގޮތުގައި އޭނާ އަކީ އެމީހުންނަށް ހެޔޮ ނަސޭހަތްދީ ދިރިއުޅުމުގައި ދިމާވާ ކަންކަން ހިއްސާކުރުމަށް އިތުބާރު ކުރެވޭ ވަރުގެ ހެޔޮ ލަފާ ރައްޓެއްސެކެވެ. ސިއްރު ހިފަހައްޓައި، މައްސަލައެއް ދިމާވިޔަސް އެކަން ހައްލު ކުރަންވީ ގޮތުގެ ނަސޭހަތް ދޭ މަދުން ނޫނީ މީހަކަށް ނުލިބޭނެ ފަދަ އަގުހުރި ރައްޓެއްސެއް ކަމަށް ވަނީ ސިފަކޮށްފަ އެވެ.

ޝިޔާމާގެ ކުއްލި ވަކިވުމާއެކު އޭނާގެ ދެ ދަރިންނަށްވެސް ވަނީ ފުންހިތާމައެއް ލިބިފަ އެވެ. އެ ދެ ދަރިން ސިފަ ކުރާ ގޮތުގައި ޝިޔާމާއަކީ އެކުދިންނަށްޓަކައި ބޮޑެތި ގުރުބާނީ ތަކެއްވި ލާމަސީލު މަންމައެކެވެ.