ތ. ކަނޑޫދޫ ކައުންސިލުގެ ރައީސް ކަމަށް ވާދަކުރެއްވި އެ ރަށު އުސްގެ/ ހަސަން މޫސާގެ ކެނޑިޑެންސީ ބާތިލް ކުރި މައްސަލައިގައި، އިލެކްޝަންސް ކޮމިޝަން (އީސީ)އާ ދެކޮޅަށް ސުޕްރީމް ކޯޓުގައި ކުރާ ދައުވާގެ ހުކުމް އިއްވުން މިއަދު އޮންނާނެއެވެ.
އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައިވާއިރު، އެ އިންތިހާބުގައި ވާދަކުރާ ބައެއް ފަރާތްތަކުން ނަން އަނބުރާ ގެންދިއުމާ ގުޅިގެން އިންތިހާބާ ނުލައި ގިނަ ބަޔަކަށް މިހާރު ވަނީ ގޮނޑި ކަށަވަރުވެފައެވެ.
މިމަހު 16 ވަނަ ދުވަހު އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވި ގޮތުގައި މިމަހު 11ގެ ނިޔަލަށް ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވެފައިވާއިރު، އިންތިހާބަކާ ނުލައި މިހާތަނަށް 30 މީހުން ކައުންސިލަށް އިންތިހާބު ވެފައިވާ ކަމަށެވެ.
އޭގެ ތެރެއިން ކަނޑޫދޫ ކައުންސިލް ރައީސްގެ މަގާމަށް އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރީހާން (ތ.ކަނޑޫދޫ/ ރީހުއްސަބާ) އިންތިހާބު ވެފައިވަނީ އޭނާއާ ވާދަކުރި ހަސަން މޫސާގެ މައްސަލައެއް އޮވެގެން އޭނާގެ ކެނޑިޑެންސީ އީސީން ބާތިލުކުރުމާ ގުޅިގެންނެވެ.
އެ މައްސަލަ ހަސަން މޫސާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ކޯޓުގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު އޭނާގެ ކެނޑިޑެންސީ ބާތިލު ކުރީ ސާބިތު ދަރަންޏެއް އޮވެގެންނެވެ.
އެ މައްސަލަ މިމަހު 17 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅުއްވަމުން ހަސަން މޫސާގެ ގާނޫނީ ވަކީލު އަބްދުﷲ ސައީދު ވިދާޅުވީ، އީސީން ހަސަން މޫސާގެ ކެނޑިޑެންސީ ބާތިލު ކުރީ ޑީޖޭއޭ އިން އެ ކޮމިޝަނަށް ދިން މައުލޫމާތާ ގުޅިގެން ކެނޑިޑެންސީ ސައްހަ ކަމަށް ނިންމައި، ކެނޑިޑެންސީ ގަބޫލު ކުރުމަށް ފަހުގައި ކަމަށެވެ. އެހެންކަމުން އީސީން އެ ނިންމުން ނިންމާފައިވަނީ ގާނޫނީ ގޮތުން ލިބިގެން ނުވާ ބާރުވެރިކަމެއް ހޯދައިގެން ގާނޫނުތަކާއި ގަވާއިދުތަކާ އަދި އުސޫލުތަކުގެ ބޭރުން ކަމަށް ވެސް ވިދާޅުވި އެވެ.
އެ ދައުވާއަށް ރައްދު ދެއްވަމުން އީސީގެ ވަކީލު ނޫރުއްސަލާމް ވިދާޅުވީ، އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބުނާގޮތަށް 48 ގަޑިއިރުގެ ތެރޭގައި ހަސަން މޫސާގެ ކެނޑިޑެންސީ ގަބޫލުކޮށް އޭނާއަށް ލިޔުން ދިނީ، ޑީޖޭއޭ އިން ފޮނުވި އޭނާގެ ކުށުގެ ރެކޯޑު ސާފުކޮށް އޮތުމުން ކަމަށެވެ. ނަމަވެސް ހަސަން މޫސާގެ ކެނޑިޑެންސީ ބާތިލް ކުރީ، ޑީޖޭއޭ އިން ފަހުން ފޮނުވި ރިޕޯޓެއްގައި އޭނާގެ ދަރަނީގެ ކުށުގެ ރެކޯޑު އޮތް ކަމަށް ހިމެނުމުން ކަމަށް ވިދާޅުވި އެވެ.
ދެ ފަރާތުގެ ވާހަކަތަކަށްފަހު އެދުވަހުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވަމުން އުއްތަމަ ފަނޑީޔާރު އަހުމަދު މުއުތަސިމް އަދުނާން ވަނީ އެކަމާބެހޭ ގޮތުން ދެން ބާއްވާ އަޑުއެހުމެއްގައި މައްސަލައަށް ހުކުމް އިއްވަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެ މައްސަލައިގައި ހުކުމް އިއްވުން ސުޕްރީިމް ކޯޓުގައި ތާވަލް ކޮށްފައިވަނީ މިއަދު 1:00 އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު