ދިވެހިރާއްޖޭގެ ތާރީޚު

ދިވެހީންގެ ދަރިކޮޅުތަކާއި މަތިކޮޅުތައް - 8

އިޔާޒު ނަސީމް

އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ ބައްޕާފުޅަކީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) އެވެ. ޣިޔާޘުއްދީނުގެ ބައްޕާފުޅު ފަރާތުގެ ކާފާފުޅަކީ ކޮޅުމަޑުލު ދިޔަމިގިލީ މުޙައްމަދު ތޮށަލި ތަކުރުގެ ދަރިކަލުން އިބްރާހީމް ދޮށިމޭނާ ތަކުރުފާނުންގެ ދަރިކަލުން އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީން (ދެވަނަ) ނުވަތަ ދިޔަމިގިލީ ބަންޑާރައިންނެވެ. މިއީ ދިޔަމިގިލީ ޝާހީ ދަރިކޮޅުގެ ފުރަތަމަ ރަދުންނެވެ. އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނަށް ދެ ދަރިކަލަކާއި ދަރިކަނބަލެއް ލިބިވަޑައިގަތެވެ. މީގެ ތެރެއިން ދޮށީ ދަރިކަލުންނަކީ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ ބައްޕާފުޅު އައްސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ) ނުވަތަ އިބްރާހީމް ރަސްގެފާނެވެ. ދިޔަމިގިލީ ބަންޑާރައިންގެ ދެވަނަ ދަރިކަލުންނަކީ ޢަލީ ފާށަނާ ކިލެގެފާނެވެ. މިއީ އިބްރާހީމް ރަސްގެފާނުން 1750 މިވަނަ އަހަރު އަވަހާރަ ވުމުން އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނު (ތިންވަނަ) އިގެ ނަންފުޅުގައި ރަސްކަން ކުރެއްވި ރަސްގެފާނެވެ. ދިވެހި ތާރީހުގައި މި ރަދުން މަޝްހޫރު ވެވަޑައިގެންފައި ވަނީ ކޮރުބަންޑާރައިންގެ ގޮތުގައެވެ. ދިޔަމިގިލީ ބަންޑާރައިންގެ ދަރިކަނބަލުންނަކީ ޢާއިޝާ ކަނބާފާނެވެ. ދިޔަމިގިލީ ބަންޑާރައިންގެ ދެ ދަރިކަލުންނާއި ދަރިކަނބަލުންގެ މަންމައަކީ ބ. ގޮއިދޫ ޢަލީ ދޮށިމޭނާ ތަކުރުފާނުގެ އާމިނާ ކަނބައިދިކިލެގެފާނެވެ.

އިބްރާހީމް ރަސްގެފާނާއި މުކައްރަމް މުޙައްމަދު ޢިމާދުއްދީނާ ދެ ބޭފުޅުން ކައިވެނި ބެއްލެވީ އަލްފަޤީހް އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން އަލްކަބީރު (އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނު)ގެ އަލްޙާފިޡާ ބޮޑު ފާޠިމާފާނުގެ ކޮރުވަލު ޛުލައިޚާބީގެ އަތިރީ ޙައްޥާބީގެ އަތިރީ ކަމަނާއާ އައްސައްޔިދު މުޙައްމަދު ނަޚާ އަލްމަލާބާރީ (ހޮޅިނަޚާ)ގެ ފަސްމަންދޫ އަލްވަޒީރު ޙަސަން ހަކުރާ ތަކުރުފާނު ކުރެއްވި ކައިވެނީން ލިބިވަޑައިގަތް ފާޠިމާ މާވާކިލެގެފާނާ ތަކަންދޫ ޙަސަން ބޮޑު ހަކުރާތަކުރުފާނު ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ދެ ބޭފުޅުންނާއެވެ. އިބްރާހީމް ރަސްގެފާނުގެ އަނބިކަނބަލުންނަކީ ތަކަންދޫ ޙަސަން ހަކުރާ ތަކުރުފާނުންގެ ޢާއިޝާކަނބާފާނާއެވެ. ޢަލީ ފާށަނާ ކިލެގެފާނު (މުކައްރަމް މުޙައްމަދު ޢިމާދުއްދީނު) ކައިވެނި ބައްލަވައިގެން ހުންނެވީ ތަކަންދޫ ޙަސަން ހަކުރާ ތަކުރުފާނުންގެ އާމިނާކަނބާފާނާއެވެ. މި އާމިނާކަނބާފާނު މީލާދީން 1737 ވަނަ އަހަރު އަވަހާރަ ވުމުން، ދެން ޢަލީ ފާށަނާ ކިލެގެފާނުން ކައިވެނި ބެއްލެވީ ހަމަ މި ތަކަންދޫ ޙަސަން ހަކުރާ ތަކުރުފާނުންގެ ދަރިކަނބަލެއް ކަމަށް ވާ މަރްޔަމްކަނބާފާނާއެވެ. މިއީ އަވަހާރަވީ އަނބިކަނބަލުންގެ އެއްބަނޑުއެއްބައްޕާފުޅު ކޮއްކޯފުޅެވެ.

އައްސުލްޠާން އިބްރާހީމް އިސްކަންދަރު އުފަންވެވަޑައިގަތީ ހިޖުރައިން 1119 ވަނަ އަހަރު ރަޖަބު މަހުގެ ތެރޭގައެވެ. އަވަހާރަ ވީ 18 ރަބީޢުލްއައްޥަލް 1163 ހ. ގައެވެ. ތަކަންދޫ ޙަސަން ހަކުރާ ތަކުރުފާނުންގެ ޢާއިޝާކަނބާފާނުންގެ އިތުރުން އެހެން ހަތަރު ބޭފުޅަކާ ވެސް އިބްރާހީމް ރަސްގެފާނު ކައިވެނި ބެއްލެވިއެވެ. އިބްރާހީމް ރަސްގެފާނަށް ހަތް ބޭފުޅުން ލިބިވަޑައިގަތެވެ. މީގެ ތެރެއިން ހަ ބޭފުޅުންގެ މަންމާފުޅަކީ ތަކަންދޫ ޙަސަން ހަކުރާ ތަކުރުފާނުންގެ ޢާއިޝާކަނބާފާނެވެ.

އިބްރާހީމް ރަސްގެފާނުންގެ ދެވަނައަށް ކައިވެނި ބައްލަވައިގެންނެވީ އައްސުލްޠާން މުޙައްމަދު ބިން އަލްޙާއްޖު ޢަލީ ތުއްކަލާ ބިން އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން ނުވަތަ ދެއްވަދޫ ރަސްގެފާނުގެ ބޮޑުދައިތާފުޅުން ދޮންދަލޭކާ ކަނބުލޭގެފާނުންގެ ދަރިކަލުން ޢަލީ ޚަޠީބުގެ ދަރިކަނބަލަކާއެވެ. އިބްރާހީމް ރަސްގެފާނުގެ ތިންވަނަ އަނބިކަނބަލުންނަކީ ފެންފުށީ އިސްމާޢީލު ވަޒީރުގެ ދަރިކަނބަލުން ޙައްޥާ މަނިކުފާނެވެ. މި ކައިވެނިފުޅަށް ދެ އަހަރު ފަހުން މި ކަމަނާ ވަރި ކުރެއްވީއެވެ. ހަތަރުވަނައަށް ކައިވެނި ބެއްލެވީ ޢާއިޝާކަނބާފާނުގެ ބާނދީއަކަށް އުޅުނު ޢާއިޝާއާއެވެ. މިއީ ނޫމަރާ ޢަލީގެ ޢާއިޝާއެވެ. މި ކަމަނާގެ ބަނޑުފުޅުން ޢަލީއޭ ނަމަކަށް ކިޔުނު ފިރިހެން ބޭފުޅަކު ލިބިވަޑައިގަތެވެ. މި ދަރިކަލުން ވަރަށް ޅަފަތުގައި އަވަހާރަވީއެވެ. ފަސްވަނައަށް އިބްރާހީމް ރަސްގެފާނު ކައިވެނި ބެއްލެވީ އަރިހު ބޭކަނބަލުންގެ ތެރެއިން ޙައްޥާއޭ ނަމަކަށް ކިޔުނު ކަމަނާއަކާއެވެ.

އައްސުލްޠާން އިބްރާހީމް އިސްކަންދަރު (ދެވަނަ)އަށް ތަކަންދޫ ޙަސަން ހަކުރާ ތަކުރުފާނުންގެ ދަރިކަނބަލުން ޢާއިޝާކަނބާފާނުގެ ބަނޑުފުޅުން ލިބިވަޑައިގަތީ، 1136-5-8 ހ ގައި އުފަންވެވަޑައިގަތް އާމިނާ ކަނބާފާނާއި، 1138-11-26 ހ ގައި އުފަންވެވަޑައިގަތް ފާޠިމާރަނިކިލެގެފާނާއި، 1140-3-7 ހ ގައި އުފަންވެވަޑައިގަތް މަރްޔަމްކަނބާފާނާއި، 1146-4-4 ހ ގައި އުފަންވެވަޑައިގަތް މުޙައްމަދު މަނިކުފާނު (އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު) އާއި، 1147-5-28 ހ ގައި އުފަންވެވަޑައިގަތް ސަންފާ ރަންދިކަނބާފާނާއި، 1149-8-20 ހ ގައި އުފަންވެވަޑައިގަތް ޢާއިޝާރަންދިކަނބާފާނެވެ. ނޫމަރާ ޢަލީގެ ޢާއިޝާގެ ބަނޑުން 1145-1-19 ހ ގައި އުފަންވެވަޑައިގަތް ޢަލީ މަނިކުފާނު ޢުމުރުފުޅުން އެއް މަހުގައި އަވަހާރަވީއެވެ. މިއީ ޣިޔާޘުއްދީނު ރަދުންނަށް ވުރެ ދޮށި، އަދި ފާޠިމާރަނިކިލެގެފާނަށް ވުރެ ހަގު ބޭފުޅެކެވެ.