ހދ. ނޭކުރެންދޫން ރިސޯޓަކަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ނޭކުރެންދޫ ކައުންސިލުގެ ރައީސް އަލީ އާދަމް "ވަން" އަށް ވިދާޅުވީ އެރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު ރިސޯޓަކަށް ދިޔަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި އޭނާ ޕޮޒިޓިވްވެފައިވަނީ ރިސޯޓަށް ދިއުމުން ނެގި ސާމްޕަލަކުން ކަމަށެވެ.

އަލީ އާދަމް ވިދާޅުވީ އޭނާ އަކީ ރިސޯޓުން އައިސް އެރަށުގައި ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ވަރަށް ގިނަ ދުވަސްވަންދެން އެރަށުގައި ޗުއްޓީގައި އުޅެފައި ދިޔަ މީހެއް ކަމަށެވެ. އަދި އޭނާ ރިސޯޓަށް ގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

އޭނާ ވިދާޅުވީ ޕޮޒިޓިވްވި މީހާގެ އަށް ކޮންޓެކްޓުން މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށާއި އެ ހުރިހާ އެންމެންވެސް މިހާރު ކަރަންޓީން ކޮށްފައިވާ ކަމަށެވެ. އަދި މާދަމާ އެރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އަލީ އާދަމް ވިދާޅުވީ ޕޮޒިޓިވް ކޭސްއާ ގުޅިގެން ފިޔަވަޅުތައް މިހާރު ވަރުގަދަ ކުރެވިފައިވާ ކަމަށާއި އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށާއި އެއްވެ ނޫޅުމަށްވެސް އަންގާފައިވާ ކަމަށެވެ.