ޚަބަރު

ބަންދެއްގައި ނެތް މީހަކު، އެހެން މީހަކު ޖާމިނުކޮށް ބޭސްފަރުވާއަށް ފުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން: ޕީޖީ

މުއާވިޔަތު އަންވަރު

ބަންދެއްގައި ނެތް މީހަކު، އެހެން މީހަކު ޖާމިނުކޮށް (ޒިންމާ އުފުލާނެ) ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ފުރައިގެން ދިއުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ޕްރޮސޮކިއުޓަރު ޖެނަރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެ އެވެ.

ޝަމީމު އެހެން ވިދާޅުވީ، ޖިންސީ އަނިޔާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ފުރުމުގެ ހުއްދަ ކްރިމިނަލް ކޯޓުން ދީފައިވާ ގޮތާގުޅޭ ގޮތުން މައުލޫމާތު ސާފު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް މިއަދު ހާޒިރުކޮށް މެންބަރުން ކުރިމަތިކުރެއްވި ސުވާލުތަކައް ޖަވާބު ދެއްވަމުންނެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލީ ޖާމިނުވާނެ ފަރާތެއް ހުށަހެޅުމުން ކަމަށެވެ. ޒިންމާވާނެ ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޔޫތު މިނިސްޓަރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަސްހަދު އަލީ (އަޑުބަރޭ) އެވެ.

އެކަމާ ގުޅިގެން ޕީޖީ ޝަމީމު ވިދާޅުވީ، ޖިނާއީ އިޖުރާއަތު ގާނޫނު ބުނާ ގޮތުން ޖާމިނު ކުރެވޭނީ ނުވަތަ ވެވޭނީ ވެސް ކުށެއްގެ ތުހުމަތުގައި ބަންދުގައި ހުންނަ މީހެއްގެ ފަރާތުން ކަމަށެވެ. އަދި ބަންދުގައި ނެތް މީހަކު ޖާމިނު ކުރުވާ އުސޫލެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ނެތް ކަމަށް ވިދާޅުވި އެވެ.

"ބަންދުން ދޫކޮށްލާފައި ތިބޭ މީހުން ބޭސްފަރުވާއަށް ދިއުމުގެ ކަންކަމުގައި މީހުން ޖާމިނުވުމަކީ ގާނޫނު ދަންނަ ކަމެއް ނޫން. ޖާމިނު ވެގެން މީހުން ފޮނުވުމަކީ ގާނޫނުގައި ލިޔެފައި ވެސް އުސޫލެއް ނޫން.. އެއްވެސް އިރަކު އަޅުގަނޑުމެން ދެކޮޅެއް ނުހަދަން ބޭސްފަރުވާ އަކަށް. އަޅުގަނޑުމެން އަބަދުވެސް ދެކޮޅު ހަދަމުން މި އަންނަނީ ބޭސްފަރުވާއަށް ޕާސްޕޯޓް ދޫކޮށްލަން ނުޖެހޭނެ ކަމަށް. ޓްރެވަލް ޑޮކިއުމެންޓެއްގައި އަލީ ވަހީދު ފުރުމަށް ދެކޮޅު ހެދީ އޭގައި އޭނާއަށް ތުހުމަތު ކުރާ މައްސަލައިގެ ތަފުސީލުތައް ހުންނާނެ ތީ،" ޕީޖީ ވިދާޅުވި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލައިގައި ފުލުހުންގެ އިހުމާލެއްވޭތޯ ސުވާލު ކުރުމުން ޕީޖީ ޝަމީމު ވިދާޅުވީ، އެފަދަ ކަމެއް މިހާތަނަށް ފާހަގަކުރެވިފައިނުވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގު ކުރި ގޮތާމެދު ވެސް ހިތްހަމަޖެހިވަޑައި ގަންނަވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމުގެ އަމުރު ކްރިމިނަލް ކޯޓުން ނެރުނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށާއި ނަމަވެސް އޭގެ އެއް ދުވަސް ކުރިން އޭނާ ރާއްޖެ ދޫކޮށް ފުރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ލިޔެކިޔުންތައް ޕީޖީ އަށް ލިބުނީ 11 ވަނަ ދުވަހުގައި ކަން ފާހަގަކުރެއްވި އެވެ.

ޖިންސީ އަނިޔާ ދިނުމުގެ ސީރިއަސް ތުހުމަތުތަކެއްކޮށް، ދައުވާ އުފުލާފައިވަނިކޮށް އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން އަމުރު ނެރުނު ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއޭސްސީ) އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.