Close
ޚަބަރު

އުތީމު ކައުންސިލުގެ ރައީސް ސަސްޕެންޑު ކުރި މައްސަލަ ބަލަން ކޮމިޓީއަށް ފޮނުވައިފި

އިބްރާހިމް ޒަކީ

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހއ. އުތީމު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު ވަކި މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކުރި މައްސަލަ ބެލުމަށް ލާމަރުކަސީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އުތީމު ކައުންސިލަރު ސަސްޕެންޑު ކުރި މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އާދަމް ޝަރީފު އެމަނިކުފާނަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

އެހެންކަމުން އެކަން ބަލައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް އެ މައްސަލަ ފޮނުއްވާ ކަމަށް ވިދާޅުވި އެވެ.

އެލްޖީއޭ އިން މީގެ ކުރިން ބުނެފައިވަނީ އުތީމު ކައުންސިލުގެ ރައީސް ސަސްޕެންޑު ކުރީ އޭނާއާ ގުޅޭ ގޮތުން އެ އޮތޯރިޓީއަށް ހުށަހަޅާފައިވާ މައްސަލަތަކެއް ތަހުގީގު ކުރުމަށް ކަމަށެވެ.

އަބްދުﷲ ރަޝީދާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތައް:

  • ކޭބަލް ޓީވީ ހިދުމަތް ދިނުމާގުޅޭ މައުލޫމާތު ޝީޓުގައި ފަސް އަހަރަށް ކުއްޔަށް ދިނުމަށް ޖަހާފައިވީ ނަމަވެސް 10 އަހަރަށް އެގްރިމަންޓް ކޮށްފައިވުން
  • - ޖެނުއަރީ 2020 އިން ފެށިގެން އޮކްޓޯބަރު 2020ގެ ނިޔަލަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވާ ފަރާތުން ކުލީގެ ގޮތުގައި ދައްކަންޖެހޭ އެއްވެސް ފައިސާއެއް ދައްކާފައިނުވާތީ އެކަމާ ގުޅޭގޮތުން ކޮންޓްރެކްޓަރަށް ރަސްމީކޮށް ސިޓީއަކުން އަންގާފައިނުވުން
  • - ކޭބަލް ޓީވީ ހިދުމަތް ދޭ ފަރާތުން ގަންނަން ޖެހޭ ޑިކޯޑަރު ގަތުމަށް ކައުންސިލްގެ ބަޖެޓުން ހަރަދުކޮށްފައިވުން
  • - ރަށުތެރެ ކުނިކަހާ ސާފުކޮށް ބެލެހެއްޓުމަށް ކޮންޓްރެކްޓް އުސޫލުން ހަތަރު މީހުން ނެގުމުގައި އެކަމަށް އެދި ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރުމެއްނެތި މީހުން ނަގާފައިވުން
  • - މަސައްކަތު މީހެއްގެ ގޮތުގައި ނަގާފައިވާ ފަރާތެއް ވަޒީފާއިން ވަކިވުމާއި ގުޅިގެން އެ މަގާމަށް މީހަކު ނެގުމަށް އިއުލާން ކުރުމަށްފަހު ކައުންސިލުގެ ރައީސް ބޭނުންވާ ފަރާތެއް ވަޒީފާއަށް ނަގާފައިވުން
  • - ކައުންސިލަށް ހޯދާ ތަކެތި ގަތުމަށް ބިޒްޓްރެކްސް އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކަށް ގިނަ އަދަދެއްގެ އެތަކެތި އެކި ފަހަރުމަތިން ހޯދާފައިވުމާއި އިތުރަށް ހޯދަން ޖެހޭ ދެ ކޯޓޭޝަން ވެސް އެ ކުންފުނިން ހޯދާފައިވުން
  • - ވައްކަމުގެ މައްސަލައެއްގައި ސިވިލް ސާވިސް ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއް އުތީމު އިމާމުންގެ ޕޫލަށް ވޭޖް އެމްޕްލޮއިމަންޓުގެ ދަށުން ނެގުން
  • - ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި މާލިއްޔަތު ގަވާއިދުގައި ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ފުރިހަމަކޮށްފައި ނުވުން
  • - ކައުންސިލަށް ލިބޭ ފައިސާގެ އެހީ ގަވާއިދުން ރިކޯޑެއް ކުރެވިފައިނުވުން
  • - ކައުންސިލް އޮފީސް ގޯތީގައި ހުރި ނިކަގަސް ކެނޑުމުގައި އިދާރީގޮތުން ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ހުރުން