ބަލި މީހުންގެ އެހީތެރިންނަށް ކޮވިޑު ވެކްސިން ދޭން ފަށައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އުމުރުން ދުވަސްވީ މީހުންނަށާއި ބައްޔެއް ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަަބުން
އެނދުމަތި ކުރެވިފައިވާ މީހުން ބެލެހެއްޓުމުގައި އުޅޭ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
އެގޮތުން މި ވަގުތަށް ހުޅުވާލައިފައިވަނީ މާލޭ ސަރަހައްދުގައި އުޅޭ އެފަދަ މީހުންނަށް ވެކްސިން ދިނުމަށެވެ.
އެޗްޕީއޭ އިން ބުނީ، މާލޭ ސަރަހައްދުގައި ބަލި މީހުންގެ އެހީތެރިންނަށް ކޮވިޑު ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދާނީ ސޯސަލް ސެންޓަރާއި އިސްލާމީ މަރުކަޒު އަދި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ވިލިމާލޭ ޔޫތު ސެންޓަރުން ހެނދުނު 9:00 އަކުން ހަވީރު 16:30 އަށް ކަމަށެވެ.
- އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް
- ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުން
- ގަޔަށް ދޫ، ވެކްސިން ޖަހާ ތަން ފަސޭހައިން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން
- ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
- ވެކްސިން ޖަހަން ދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
- ވެކްސިން ޖަހަން ދާއިރު އެކުގައި އެކަކަށްވުރެ ގިނަ މީހުން ނުދިއުން
- ބޭނުން ކުރަމުން އަންނަ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުން
އެޗްޕީއޭ އިން ބުނީ ވެކްސިން ޖެހުމަށް my.health.mv ގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ރަޖިސްޓަރީކުރުމުގެ އެހީތެރިކަން ވެކްސިން ސެންޓަރުތަކުން ދެމުންދާނެ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ޕޯޓަލްގައި ރަޖިސްޓަރީކުރުމަށް އެދޭ ކަމަށެވެ.
އެޗްޕީއޭ އިން ވެކްސިން ދިނުމުގެ ޕްރޮގްރާމު ކުރިއަށްގެންދަނީ އެކި ދުވަސްތަކަށް ބަހާލައިގެން އެކި ކެޓަގަރީތަކުގެ މީހުންނަށް ހާއްސަކޮށްގެންނެވެ.
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް 75،013 މީހަކު ވަނީ ވެކްސިން ޖަހައިފަ އެވެ. އެއީ މާލެއިން 56،976 މީހަކު، އަތޮޅުތެރެއިން 18،034 މީހެކެވެ.
މާލޭ ސަރަހައްދުން ވެކްސިން ދެނީ އައިޖީއެމްއެޗް އާއި އޭޑީކޭ އާއި ސެނަހިޔާ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލާއި ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ފުލޫ ކުލިނިކުންނެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުން ވެސް މިހާރު ވަނީ ވެކްސިން ދިނުމުގެ ޕްރޮގްރާމު ފަށައިފައެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. އެ ޝިޕްމަންޓް ހުސްވަންދެން ވެކްސިންގެ ފުރަތަމަ ޑޯޒް ދެމުންގެންދާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އެ ވެކްސިންގެ އިތުރުން ރާއްޖެއަށް ވަނީ 10،000 ޑޯޒްގެ ސައިނޯފާމް ވެކްސިން ގެނެސްފައެވެ. އަދި އިންޑިއާ އިންނާއި ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން މިމަހު ޑަބްލިޔުއެޗްއޯގެ ކޮވެކްސް ފެސިލިޓީން ދޭން ނިންމާފައިވާ ވެކްސިން ވެސް ގެންނާނެ ކަމަށް ހެލްތު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު