އިނގިރޭސިވިލާތުން ފެނުނު ވޭރިއަންޓަށް ވެސް ކޮވިޝީލްޑް ވެކްސިނުން ރައްކާތެރިކަން ލިބޭ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އިނގިރޭސިވިލާތުން ފެނުނު ވޭރިއަންޓް ރާއްޖޭގައި އުޅޭ ކަމަށް ލަފާ ކުރެވޭ ކަމަށާއި ނަމަވެސް ރާއްޖޭގައި އުޅެނީ ސީދާ ކިތައް ވޭރިއަންޓްކަން އަދި އެނގިފައި ނުވާ ކަމަށެވެ.
"ޖެނެޓިކް ސްޓަޑީޒްއަށް އަޅުގަނޑުމެންގެ ސެކަންޑް ބެޗު ފޮނުވުމުގެ މަސައްކަތް މިކުރަނީ. ޖެނެޓިކް ސީކުއެންސިން ހެދީމާ މި އެނގެނީ ކޮންކޮން ވޭރިއަންޓްތަކެއްތޯ މިއުޅެނީ." ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގައި އިނގިރޭސިވިލާތުން ފެނުނު ވޭރިއަންޓް އުޅޭ ކަމަށް ލަފާކޮށްފައިވަނީ އިންޑައިރެކްޓް ޓެސްޓެއްކޮށް، އިނގިރޭސިވިލާތުން ފެނުނު ވޭރިއަންޓުގެ ބައެއް ސިފަތައް ރާއްޖެއިން ނަގާ ބައެއް ސާމްޕަލްތަކުން ފެންނާތީ ކަމަށެވެ.
މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، އިނގިރޭސިވިލާތުން ފެނުނު ވޭރިއަންޓަށް ރާއްޖޭގައި ދެމުން އަންނަ ކޮވިޝީލްޑް ވެކްސިން "އެފެކްޓިވް" ކަމަށެވެ.
"ޔޫކޭ ވޭރިއަންޓަށް ކޮވިޝީލްޑް ވެކްސިން ނޫނީ އެސްޓްރާޒެނެކާއިން ތައްޔާރުކޮށްފައިވާ ވެކްސިން އެފެކްޓިވް ކަމަށް އެބޭފުޅުންގެ ޓެސްޓުތަކުން ވަނީ ދައްކާފައި. ޔޫކޭގައިވެސް ދޭ ދެ ވެކްސިންގެ ތެރެއިން އެއް ވެކްސިނަކީ ކޮވިޝީލްޑް،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އިނގިރޭސިވިލާތުން ފެނުނު ވޭރިއަންޓަށް ކޮވިޝީލްޑް ވެކްސިނުން ރައްކާތެރިކަން ލިބުނު ކަމުގައިވިޔަސް އިތުރު ވޭރިއަންޓްތައް އުފެދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ރާއްޖޭގައި ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ. ރާއްޖޭގައި މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ޖަހަމުން އަންނަ އިރު، މިއަދުގެ ނިޔަލަށް 75،013 މީހުން ވަނީ ވެކްސިން ޖަހައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު