ފުވައްމުލަކު ސިޓީގައި އިތުރު ކްލަސްޓާއެއް އުފެދި، އެ ކްލަސްޓާއާ ގުޅިގެން ހަތް މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ފުވައްމުލަކުން މިހާރު ޕޮޒިޓިވްވެފައިވާ މީހުންނާ ގުޅުމެއް ނެތް މީހަކު އެ ސިޓީން އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
"އެމީހާގެ ކޮންޓެކްޓުންގެ ތެރެއިން ހަ މީހަކު މިއަދު މިވަނީ ކޮވިޑަށް ޕޮޒިިވްވެފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ފުވައްމުލަކުގައި މިހާރުވެސް ކްލަސްޓާއެއް އުފެދިފައިވާ އިރު، އެ ކްލަސްޓާއިން މިހާތަނަށް ވަނީ 32 މީހަކު ޕޮޒިޓިވްވެފައެވެ.
ފުވައްމުލަކުން އެންމެ ފުރަތަމަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ ހަތްވަނަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންނެވެ. އެ މީހާ އަކީ ދުބާއީން އައިސް ފުވައްމުލަކުގައި ކަރަންޓީނުގައި ހުއްޓައި ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި މީހެކެވެ. އެ ކޭސްތަކާ ގުޅިގެން ފުވައްމުލައް އޮތީ މޮނިޓަރިންގައެވެ.
ފުވައްމުލަކުން ޕޮޒިޓިވް ކޭސްތަކެއް ފެނުމުން އެ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ. އަދި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ވެސް ވަނީ އަންގައިފައެވެ.