އިނގިރޭސި ޕްރިމިއާ ލީގު

ވެސްޓް ހަމް އަތުން ބަލިވެ މޮރީނިއޯ ޕްރެޝަރަށް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ހަމްއާ ދެކޮޅަށް ކުޅުނު މެޗުންވެސް ބަލިވެ، ޓޮޓެންހަމްއަށް ބޮޑު މާޔޫސްކަމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ޓޮޓެންހަމްއިން އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފައިވާ އިރު، އެންމެފަހުން އެފްއޭ ކަޕްގައި ކުޅުނު މެޗުން ބަލިވެ އެޓީމު ވަނީ އެ މުބާރާތުންވެސް ކަޓައިފައެވެ. މިރޭ ވެސްޓް ހަމްއާ ދެކޮޅަށް ކުޅުނު މެޗުން ޓޮޓެންހަމް ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ.

ތަށްޓެއް ހޯދުމަށް ޓޮޓެންހަމްއާ ހަވާލުވި ތަޖުރިބާކާރު، ޖޯސޭ މޮރީނިއޯއަށް އިތުރު ވިސްނުމަކަށް ދާން ޖެހިފައިވާ އިރު، އޭނާއަށް މި ސީޒަނުގައި ގަދަ ހަތަރަކަށް ކުރަން ޖެހިފައިވާ މަސައްކަތްވެސް ވަނީ ބޮޑުވެފައެވެ. ޗެލްސީއާއި ރެއާލް މެޑްރިޑްގެ އިތުރުން އިންޓަ މިލާން އަދި ޕޯޓޯއާއެކުވެސް މޮރީނިއޯ އެތަކެއް ކާމިޔާބީތަކެއް ހޯދުމަށްފަހު މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވެ އެ ކްލަބާއެކުވެސް ވަނީ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ. އެހެންނަމަވެސް ޔުނައިޓެޑާއެކު މޮރީނިއޯއަށް އެންމެ އެކަށޭނެ ނަތީޖާއެއް ނުނެރެވުމުން އޭނާ އެ ކްލަބުން ދުރުކޮށްފައިވާ އިރު، ޓޮޓެންހަމްއާ ހަވާލުވީ އެ ކްލަބުން ތަށްޓަކަށް ކުރަމުން އަންނަ އިންތިޒާރު ނިމުމަކަށް ގެނެސްދިނުމަށެވެ.

ރޭގެ މެޗުގައި ވެސްޓް ހަމްއަށް ފުރަތަމަ ގޯލު މިޝޭލް އެންތޯނިއޯ ކާމިޔާބު ކޮށްދީފައިވާ އިރު، ދެވަނަ ގޯލަކީ ދެވަނަ ހާފުގެ ކުރީކޮޅުގައި ޖެސޭ ލިންގާޑް ޖަހައިދިން ގޯލެކެވެ. ލިންގާޑު ލޯން އެއްބަސްވުމެއްގެ ދަށުން ޖެނުއަރީގައި ވެސްޓް ހަމްއަށް ބަދަލުވިފަހުން އޭނާ ކުޅުނު ހަތަރު މެޗުގައި ތިން ގޯލް ޖަހައިފައިވެއެވެ.

ދެވަނަ ހާފަށް ނުކުމެ ޓޮޓެންހަމްއިން ކުޅުން ރަނގަޅު ކުރި ނަމަވެސް، އެޓީމަށް މެޗު އަނބުރާލެވޭ ގޮތެއް ނުވިއެވެ. އެޓީމަށް އުންމީދެއް ލިބިގެން ދިޔައީ 64 ވަނަ މިނެޓުގައި ލޫކަސް މޯރާ ޖެހި ގޯލުންނެވެ. އެ ގޯލަށް ފުރުސަތު ތަނަވަސް ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް ގެރެތު ބޭލްއެވެ. މިދިޔަ ހަފްތާ ޔޫރޮޕާ ލީގުގައި ޓޮޓެންހަމްއިން ކުޅުނު މެޗުގައި ކުޅެ ބޭލް ވަނީ ގޯލެއް ޖެހުމުގެ އިތުރުން އެސިސްޓެއްވެސް ހަދައިފައެވެ.

މޯރާގެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނުމަށްފަހު އޭގެ 10 މިނެޓް ފަހުން ބޭލް ޖެހި ބޯޅައެއް ގޯލުގެ ދަނޑިއަށްވެސް އަމާޒުވެފައިވާ އިރު، މެޗު ނިމެން ދަނިކޮށް ހިއުން މިއުން ސޮން ޖެހި ބޯޅަވެސް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

މެޗުން މޮޅުވެ، ވެސްޓް ހަމް ވަނީ ހަތަރު ވަނައަށް ޖެހިލައިފައެވެ. ފަސްވަނައިގައި އޮތް ޗެލްސީއަށްވުރެ ދެ ޕޮއިންޓް ކުރީގައި ވެސްޓް ހަމް އޮތްއިރު، ޓޮޓެންހަމް އޮތީ ނުވަ ވަނައިގައެވެ.