ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމް ހަރުދަނާކޮށް، ދާހިލީ ހަމަޖެހުން ގާއިމުކުރުމަށް އިދިކޮޅު ޕީޕީޕީއެމް، ޕީއެންސީ ކޯލިޝަނުން އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެއެވެ.
އިދިކޮޅުން މިކަަމަށް އެދިފައިވަނީ، އެ ކޯލިޝަންގެ އިސް ބޭފުޅުން ހިމެނޭގޮތަށް މާލޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި މިއަދު މެންދުރު، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަބާނިއަމް ޖަޔަޝަންކަރާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމަށްފަހު އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ވަނީ، މި ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމު އަންނަނީ ދުވަހެއް ދުވަހަކަށް ބަލިކަށިވަމުންކަން ފާހަގަކޮށް، ރާއްޖޭގައި ދާހިލީ ހަމަޖެހުން އޮތުމަކީ އިންޑިއާއަށް މުހިންމު މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.
އެގޮތުން، މި ސަރުކާރުގެ ހަރުކަށި އަމަލުތަކާ މެދު ގާތުން ފާރަވެރިވުމަށާއި، ޑިމޮކްރަސީގެ މަގަށް އަވަހަށް އަލުން ރުޖޫއަވުމަށް ސަރުކާރަށް ނަސޭހަތްތެރިވުމަށް އިންޑިއާއިން ބާރުއެޅުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެ މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ކަމަށް ވެސް ބުނެފައިވެއެވެ.
މަނީލޯންޑަރިންގެ ކުން ސާބިތުވެގެން ޖަލުގައި ފަސް އަހަރުގެ ދުވަހުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމު، ޖަލަށް ލާފައި ވަނީ، ނުހައްގުން ކަމަށްބުނެ، އެކަމާބެހޭ މައުލޫމާތު ޖަޔަޝަންކަރަށް އަރުވާފައިވާ ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން ވޭތުވެދިޔަ 15 މަސްދުވަހު އަނިޔާ ލިބެމުންދާ ވާދަވެރި ކޯލިޝަންގެ ލީޑަރު، ރައީސް އަބްދުﷲ ގެ އަސާސީ އެތަކެއް ހައްގެއް ނިގުޅައިގަނެވިފައިވާކަމުގެ މައުލޫމާތުވެސް އަރުވާފައިވާ ކަމަށް ބުނެފައިވެއެވެ.
އޭގެ އިތުރުން، ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަވެރި ސިޔާސީ ޕާޓީއަށް ހަމަހަމަ ފުރުސަތު ތަނަވަސްކޮށްދީފައި ނުވާކަމާއި، ޕީޕީއެމުން ކެމްޕެއިން ކުރުމަށް ސަރުކާރުން އެކި ގޮތްގޮތުން ހުރަސްއަޅަމުންދާ މައްސަލަވެސް ސަމާލުކަމަށް ގެނެސްފައިވާ ކަަމަށް ބަޔާނުގައި ވެއެވެ.
މި ބައްދަލުވުމުގައި ޕީޕީއެމް، ޕީއެންސީގެ ވަފުދުގައި އިސްކޮށް ހުންނެވީ ކޯލިޝަން ހިންގަން ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ އެވެ.
އޭނާގެ އަރިހުގައި ޕީއެންސީގެ ނާއިބު ރައީސުން މުހައްމަދު ހުސައިން ޝަރީފް، މުހައްމަދު ސައީދު އަދި އާދަމް ޝަރީފް އުމަރު، ޕީޕީއެމްގެ ނާއިބު ރައީސުން ކަމަށްވާ މުހައްމަދު ޣައްސާން މައުމޫން، އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގަތެވެ. އަދި، ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު