ކުޅިވަރު

"ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވެކްސިން ޖަހައިފި، އުންމީދު ކުރަނީ ލީގު ފަށަން ހުއްދަ ލިބޭނެ ކަމަށް"

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހުރިހާ ޓީމެއްގެ ކުޅުންތެރީންނާއި އޮފިޝަލުން ވެކްސިން ޖަހައި ނިންމާލައިފިއެވެ.

ރާއްޖެއިން ކޮވިޑް 19ގެ އާ ވޭރިއަންޓެއް ފެނި، ކޮވިޑުގެ ތިންވަނަ ރާޅެއް އައުމާއެކު މާލެ ސަރަހައްދުގެ ހުރިހާ ކުޅިވަރު މުބާރާތްތައް ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގައިފައެވެ. އެ އެންގުމާއެކު ރާއްޖޭގެ ފުޓުބޯޅަވެސް އަނެއްކާ ހުއްޓުމަކަށް އައިސް، ދިވެހި ޕްރިމިއާ ލީގާއި ތިންވަނަ އަދި ދެވަނަ ޑިވިޝަންވެސް މުއްދަތެއް ނެތް ގޮތަށް ފަސްވެގެން ގޮސްފައިވެއެވެ. މިދިޔަ ސީޒަންވެސް މެދުތެރެއިން ހުއްޓާލައި، ކެންސަލް ކުރަން ޖެހިފައި އޮތް އޮތުމުން ކްލަބުތަކަށް ހަމަ ނޭވާއެއް ނުލެވިގެން އުޅެނިކޮށް، ލީގު އަލުން ހުއްޓާލުމާއެކު ހުރިހާ ކްލަބުތަކާއި ކުޅުންތެރިން، އަދި ކޯޗުންވެސް ވަނީ އެކަމުގައި ބޮޑެތި ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކްލަބުތަކާއި ކުޅުންތެރިން، އަދި ކޯޗުންވެސް ފުޓުބޯޅަ ހުއްޓާލުމުން ދިމާވާ ދަތިތައް ހާމަކޮށް، މީޑިއާއަށް މައުލޫމާތުވެސް ދީފައިވާއިރު، ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކޮށް، ދަތިތައް ހިއްސާ ކޮށްފައި ވެއެވެ. ރައީސް ސޯލިހް ވިދާޅުވެފައި ވަނީ ކްލަބުތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

އޭގެ ފަހުން ލީގު އަލުން ފެށޭނެ ގޮތެއް ހޯދުމަށް އެފްއޭއެމް އާއި ޔޫތު މިނިސްޓްރީން ވެސް މަސައްކަތްތަކެއް ކޮށްފައިވާއިރު، މިހާރު ވަނީ ހުރިހާ ކްލަބެއްގެ އޮފިޝަލުންނާއި ކުޅުންތެރީންނަށް ވެކްސިން ޖަހައި ނިންމާލާފައެވެ.

ބައްސާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ހުރިހާ ކުޅުންތެރީންނާއި އޮފިޝަލުންވެސް ލީގު ފެށުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް، އިދާރާތަކުގެ އެންގުމުގެ ދަށުން ކުރަމުން އަންނަ ކަމަށާއި، އުންމީދަކީ ލީގު ފެށުމަށް ހުއްދަ ދިނުން ކަމަށެވެ.

ލީގުގެ ކުޅުން ފެށުމުގެ ކުރިން ޓީމުތަކަށް ފުރަތަމަ ފަރިތަކުރުންތަކަށް ހުއްދަ ދޭނެ ކަމަށް ބެލެވެއެވެ. މާލެއާއި ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކޮވިޑް 19އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، ވެކްސިނާއެކު ލީގަށް ހުއްދަ ދޭނެކަމެއް، ނުވަތަ ނޫން ކަމެއް އަދި އެޗްޕީއޭއިން އަންގާފައެއް ނުވެއެވެ.