ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރުމަށް އިންޑިއާ އިން 40 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް ނިންމާފައިވާ ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. ސުބުރަމަންޔަން ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
ޖައިޝަންކަރު އެކަން ހާމަކުރެއްވީ، އިންޑިއާގެ ގުރާންޓު އެހީގައި އަޅާފައިވާ އެކުވެނީ ސިންތެޓިކް ޓުރެކުގައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
އެ ހަފުލާއަކީ އިންޑިއާ އިން ރާއްޖޭގެ ޒުވާނުންގެ ކުރިމަގަށް، ވަކިން ހާއްސަކޮށް ކުޅިވަރަށް ކުރައްވަމުން ގެންދަވާ ހޭދައިގެން އިތުރުން، ދެއްވާ އެހީތެރިކަން ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަފުލާއެކެވެ. ހަފުލާގައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ބައެއް މަޖިލިސް މެމްބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ކުޅިވަރަށް އެއްބާރުލުން ދޭނެ ގައުމެއްކަން ފާހަގަކުރައްވައި ހަފުލާގައި ވާހަކަ ދައްކަވަމުން ޖައިޝަންކަރު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ ކުޅިވަރަށް ގެންނަވާ ތަރައްގީއަށް މަރުހަބާ ކިޔައިފަ އެވެ. އަދި ރާއްޖެއަށް ދޭން ނިންމާފައިވާ 40 މިލިއަން ޑޮލަރަކީ ވަކި ކުޅިވަރަކަށް، ނޫނީ ވަކި ރަށަކަށް ދޭނެ ފައިސާއެއް ނޫން ކަމަށާއި ދެކެން ބޭނުން ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށޭނެ ކުޅިވަރު ވަސީލަތްތައް ގާއިމުވެގެން ދިއުން ކަމަށް ވިދާޅުވި އެވެ.
ޖަޔަޝަންކަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެތުލީޓުންގެ ތަމްރީނުތަކަށް އިންޑިއާ އިން އަބަދު ވެސް ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ނިމިދިޔަ އިންޑިއަން އައިލެންޑް އޯޝަންގައި ރާއްޖެއިން ހޯދި ރަން މެޑަލްތަކާއި އެހެނިހެން މެޑަލްތަކަށް މަރުހަބާ ވިދާޅުވެ، އިތުރު ވަސީލަތްތަކާއެކު ރާއްޖޭގެ ހުނަރުވެރިން ވިދާލާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
އިންޑިއާއަކީ ބަދަލަކާ ނުލައި އަބަދުވެސް ރާއްޖެއަށް އެހީތެރިވަމުން އަންނަ ގައުމެއްކަން ފާހަގަކުރައްވައި ހަފުލާގައި ވާހަކަ ދައްކަވަމުން މަހުލޫފު ވިދާޅުވީ، މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ އެތުލީޓުންނާއި އެސޯސިއޭޝަންތަކަށް ވެސް އިންޑިއާގެ އެހީތެރިކަން ލިބެމުން ގޮސްފައިވާ ކަމަށެވެ. އަދި އިންޑިއާ މިވަގުތު މިސްރާބު ހިފާފައި ހުރީ ދުނިޔޭގެ ކުޅިވަރުގެ އެންމެ އުހަށް ކަމަށާއި އެ ވިސްނުމުގައި އިންޑިއާގެ ކުޅިވަރަށް ގެންނަމުންދާ ބަދަލުތަކަށް، އިންޑިއާގެ ޒުވާނުން އަދި ކުޅިވަރާބެހޭ ވަޒީރު ކިރެން ރިޖިޖޫއަށް ތައުރީފު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މަހުލޫފު އިތުރަށް ވިދާޅުވީ މި ސަރުކާރަކީ ރާއްޖޭގެ ކުޅިވަރަށް އެންމެ ބޮޑު ބަދަލުތަކެއް ގެނެސްދީ، އެތުލީޓުންނަށް އެންމެ ބޮޑެތި އެހީތެރިކަން މިހާތަނަށް ފޯރުކޮށްދީފައިވާ ސަރުކާރު ކަމަށެވެ. އަދި އެތުލީޓުންނާއި އެތުލީޓުންގެ ބެލެނިވެރިންގެ އިތުރުން އެސޯސިއޭޝަންތަކުގެ ބުރަ މަސައްކަތާއެކު ގިނަ ކާމިޔާބީތަކެއް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވި އެވެ.
މިހާރު ވެސް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި އައުޓްޑޯ ޖިމު ގާއިމުކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދީ، އެ ޖިމުތައް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމުކުރެވިގެންދާ ބައިނަލްއަގުވާމީ ކްރިކެޓް ސްޓޭޑިއަމް އެޅުމަށް ބިޑިން ޕްރޮސެސް މިހާރު ކުރިއަށްދާއިރު، އެއީވެސް އިންޑިއާގެ އެހީތެރިކަމާއެކު އަޅާ ސްޓޭޑިއަމް އެކެވެ.
ރާއްޖޭގެ ކްރިކެޓް ކޯޗުންނާއި ކްރިކެޓް ކުޅުންތެރިންނަށް ހާއްސަކޮށް އިންޑިއާގެ އެހީގައި މިހާރު ވެސް ތަމްރީނުތައް ކުރިއަށްދާއިރު، އިންޑިއާގެ އެހީތެރިކަމާއެކު ރާއްޖޭގެ ކްރިކެޓް އެހެން ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޚާރިޖީ ވަޒީރު ޖަޔަޝަންކަރު މިއަދު ވެސް ވަނީ ފާހަގަކުރައްވައިފަ އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު