ހިޔާ މަޝްރޫއުގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެޅުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ ފުލެޓުތައް ވިޔަފާރި އުސޫލުން ވިއްކި ކަމަށް މީޑީއާގައި ރިޕޯޓްކުރި ހަބަރެއް އެކުންފުނިން ދޮގުކޮށްފި އެވެ.

އެމްޕީއެލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިމަހުގެ 19 ވަނަ ދުވަހު އެ ކުންފުނީގެ އޮފިޝަލަކާ ހަވާލާދީ އޮންލައިން ނޫހަކުން ރިޕޯޓްކުރި ހަބަރަކީ ކަމުގެ ހަގީގަތް އޮޅޭގޮތަށް ލިޔެފައިވާ ހަބަރެއް ކަމަށެވެ.

އަދި މީޑިއާއަށް މައުލޫމާތު ދިނުމަށް އެ ކުންފުނިން ކަނޑައަޅާފައިވާ އޮފިޝަލެއް، ކަން ހިނގާފައިވާ ގޮތާ ހިލާފު މައުލޫމާތެއް އެއްވެސް ފަރާތަކަށް ދީފައި ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އެމްޕީއެލުން އިތުރަށް ބުނީ، ހަގީގަތާ ހިލާފު މައުލޫމާތުތަކެއް ކުންފުންޏާ ގުޅުވައި ލިޔެ ޝާއިއުކޮށްފައި ނޫހުގެ މައްޗަށް ފިޔަވަޅު އަޅައި ދިނުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.

އެމްޕީއެލުން ބުނީ، އެ ކުންފުނިން އިމާރާތް ކުރަމުންދާ ފުލެޓުތަކަކީ އެ ކުންފުނީގެ މުވައްޒަފުންގެ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައި ދިނުމަށް އިމާރާތް ކުރަމުން އަންނަ ފުލެޓުތަކެއް ކަމަށެވެ. އަދި އެ ފުލެޓްތައް ގަތުމުގެ ފުރުސަތު ދެވޭނީ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ފުލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުސޫލުން އެންމެ ގިނަ ޕޮއިންޓު ލިބޭ މުވައްޒަފުންގެ ތަރުތީބުން ކަމަށް ބުންޏެވެ.