ކޮވިޑް ޖެހި އެ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު މަރުވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ކޮއްޔަ ހަސަން މަނިކަށް ކޮވިޑް ޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އަދި ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ. ނަމަވެސް ހާލު ދެރަވުމާއި ގުޅިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާއަށް ބަދަލުކޮށް، ފަރުވާ ދެމުންދިޔަ އެވެ.

މިއީ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑު ބަލީގައި މަރުވި ދެވަނަ މީހާ އެވެ. އެއާއެކު ރާއްޖޭގައި މިބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 60 އަށް އަރައިފަ އެވެ.

ކޮވިޑު ބަލީގައި ރޭ ދަންވަރު ވަނީ 63 އަހަރުގެ ދިވެހި އަންހެނަކު މަރުވެފަ އެވެ. އޭނާއަށް ވެސް ފަރުވާ ދެމުންދިޔައީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގަ އެވެ.

މިއަދުގެ ދެ މަރާއެކު މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފަައިވަނީ 53 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.