އިންޑިއާގެ ހާރިޖީ ވަޒީރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މިއަދާއި މާދަމާ މާލޭގެ ގިނަ ސަރަހައްދުތަކެއްގައި އުޅަނދުތަކުގައާއި ހިނގާފައި އުޅުން މަނާވާނެކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިއަދުގެ ބައެއް ވަގުތުތަކުގައި ބުރިޖުން ފެށިގެން ކަޅުތުއްކަލާކޮށްޓާ ހަމައަށް އަދި ބުރިޖުން ފެށިގެން ހުޅަނގަށް ޖުމްހޫރީ މައިދާނާ ހަމައަށް ބޮޑުތަކުރުފާނު މަގު ބަންދުވާނެ ކަމަށެވެ. އަދި މި މަގުތަކާ ގުޅިފައިވާ ގޯޅިތައްވެސް ބަންދުވާނެ ކަމަށް ފުލުހުން ބުންޏެވެ.
މި ސަރަހައްދުތައް ބަންދުކުރާނީ މިއަދު މެންދުރުފަހު 2:00 އިން ފެށިގެން ހަރަކާތްތައް ނިމެންދެން ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ މިއަދު މެންދުރު 12:00ގެ ކުރިން، ކާނިވާ ސަރަހައްދާއި ޖުމްހޫރީ މައިދާނާ ދެމެދުގެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުތައް ނެގުމަށް އަންގައިފައެވެ.
މީގެ އިތުރުން ފުލުހުން ބުނީ މާދަމާ ވެސް މާލޭގެ ބައެއް ސަރަހައްދުތައް ބަންދުކުރާނެ ކަމަށެވެ. އެގޮތުން ބޮޑުތަކުރުފާނު މަގުގެ ފަތާ ޓްރެކް ސަރަހައްދުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ބަންދުކުރާ އިރު، އެ މަގާ ގުޅިފައިވާ ގޯޅިތަކާއި ރައްޔިތުންގެ މަޖިލިސް ހިމެނޭ ސަރަހައްދުވެސް މާދަމާ ބަންދުކުރާނެއެވެ.
މާދަމާ ބަންދުކުރާ ސަރަހައްދުތައް ބަންދުވާނީ ހެނދުނު 7:00 އިން ފެށިގެން ހަރަކާތްތައް ނިމެންދެނެވެ.
ފުލުހުން ވަނީ ރޭ 12:00ގެ ފަހުން ކާނިވާ ސަރަހައްދާއި ޖުމްހޫރީ މައިދާނާ ދެމެދުގެ ސަރަހައްދުގައި އުޅަނދު ޕާކު ނުކުރުމަށާއި، އެ ސަރަހައްދުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް އެ ސަރަހައްދުން ނެގުމަށް އަންގައިފައެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު ރާއްޖެއަށް ވަޑައިގަންނަވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ދެ ދުވަހުގެ މުއްދަތަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު