ހުރިހާ ނުރައްކަލަކުން ސަލާމަތްވާން އޮތް މަގަކީ ﷲ އަށް ބިރުވެތިވުމުގެ މަގު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބުނީ މިއަދު ހަލުވިކަމާއެކު ފެތުރެމުންދާ ވަބާގެ ސަބަބުން އިންސާނުންނަށް ކުރަމުންދާ އެންމެހައި ނުރަނގަޅު އަސަރުތަކުން ސަލާމަތްވާން އޮތީ، ސަބަބުތަކުގައި ހިފުމާއެކު، ﷲ ގެ ރަހުމަތްފުޅުން ކަމަށެވެ.
"މާޒީގައި ﷲ ގެ ނަބިއްޔުންނާއި ރަސޫލުންނަށް ވެސް މިފަދަ އެތަކެއް ހިތްދަތި ހާދިސާތަކާ ކުރިމަތިވިއެވެ. ނަމަވެސް އެ ބޭބޭކަލުން ﷲ ގެ ރަހުމަތާއި އޯގާވަންތަކަމުން މާޔޫސްވެވަޑައިގަތުމެއް ނެތި، ދުއާ ދެންނެވުމުގައި ސާބިތުވެ ތިއްބެވިއެވެ. ހުރިހާ ނުރައްކަލަކުން ސަލާމަތްވާން އޮތް މަގަކީ ﷲ އަށް ބިރުވެތިވުމުގެ މަގެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ މިއަދު ހުރިހާ އިންސާނުން ތަހައްމަލުކުރަމުންދާ ހާލަތަކީ ފަހުގެ ތާރީހެއްގައި ދުނިޔެ ނުދެކޭ ވަރުގެ ހިތްދަތިކަމާއި، ބަލިމަޑުކަމާއި، ތަދުމަޑުކަމާއި، ނުތަނަވަސްކަމުގެ ހާލަތެއް ކަމަށާއި ފެތުރެމުންދާ ވަބާގެ ނުރައްކާތެރިކަމުން ސަލާމަތްވުމަށްޓަކައި، ﷲ ގެ ހަޟްރަތުން ރައްކާތެރިކަމަށް އެދޭ ހާލު، އަޅުކަން ކުރުމާއި، ބޭނުން ޖެހިފައިވާ މީސްތަކުންނަށް އެހީތެރިކަން ފޯރުކޮށްދީ، ނަސޭހަތާއި އިރުޝާދު ދިނުމުގައި ދެމިތިބެން ޖެހޭ ކަމަށެވެ.
މިފަދަ ބަލިމަޑުކަމެއްގައި އުޅޭއިރު، އަމިއްލަ ނަފުސާއި ތިމާގެ އަޚާ ރައްކާތެރިކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ ފަރުދެއްގެ ވެސް ވާޖިބެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ