ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބިނާކުރި ހިޔާ ފްލެޓުތަކުން އަލަތު ކައިވެނިކޮށްގެން ތިބި ޒުވާނުންނަށް ހާއްސަ ކުރި ކެޓެގަރީންނާއި ބައެއް އެހެން ކެޓަގަރީތަކުން ފްލެޓު ލިބުނު ބައެއް ފަރާތްތަކަށް ފްލެޓު ނުދޭން މި ސަރުކާރުން ނިންމުމާއި ގުޅިގެން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ހިޔާ މަޝްރޫއުގެ އަލަތު ކައިވެނި ކެޓަގަރީ ހިމެނޭގޮތަށް ތިން ކެޓަގަރީއެއް އުވާލައި ފޯމުތައް ބާތިލުކުރަން ވަނީ ނިންމާފައެވެ.

ތިން ކެޓަގަރީއަކުން ފްލެޓް ނުދިނުމަށް ނިންމައި ސަރުކާރުން ގެޒެޓް ކޮށްފައިވާ އިއުލާނުގައި ބުނީ ފްލެޓް ލިސްޓުން އުވާލަން ނިންމާފައިވަނީ H11 (އަށާރަ އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ އެއް ކޮޓަރީގެ އެޕާޓްމަންޓް)، H13 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހާއްސަ އެއް ކޮޓަރީގެ އެޕާޓްމަންޓް) އަދި H15 (އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ އެއްކޮޓަރީގެ އެޕާޓްމަންޓް) ކަމަށެވެ.

އެކަމާ ގުޅިގެން ޑރ. މުއިއްޒު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކެޓަގަރީތައް އުވާލަން ނިންމީ ބޭއިންސާފުން ކަމަށެވެ.

"އަލަތު ކައިވެނި ކޮށްގެން ތިބި ޒުވާނުންނާއި އާންމު ރައްޔިތުންގެ ތެރެއިން އެއް ކޮޓަރީގެ ފްލެޓް ލިބޭނެކަމުގެ އުންމީދުގައި ތިބި އެތައް ހާސް ރައްޔިތުންގެ އުންމީދުތައް މި ނުހައްގު ބޭއިންސާފު ނިންމުމުގެ ސަބަބުން މިވަނީ ގެއްލިފައިި" މުއިއްޒު ވިދާޅުވިއެވެ.

ފްލެޓުތަކުގެ މައްސަލަ އަލުން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ފްލެޓު ކޮމެޓީން އެ މައްސަލަ އަލުން ބެލުމަށް ފަހު ހިޔާ މަޝްރޫއުގެ އަށް ކެޓަގަރީއަކުން ދާއިމީ ލިސްޓު މިހާރު ވަނީ އިއުލާނުކޮށްފައެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީ، ޓީޗަރުންގެ ކެޓަގަރީ، މާލޭ ރަށްވެހިންނަށް ހާއްސަ ކެޓެގަރީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީ، މާލޭގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ މީހުންނަށް ހާއްސަ ކެޓަގަރީ، އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީ، ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީ އަދި ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކެޓަގަރީގެއެވެ.