މާލޭގެ ކެފޭއެއްގެ ތެރޭގައި ހަމަނުޖެހުން ހިންގުމަށްފަހު ފިލަން އުޅުނު ތިން ދިވެހިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މިރޭ 8:00 ހާއިރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ކެފޭއެއްގައި ހަމަނުޖެހުމެއް ހިންގުމަށް ފަހު ފިލަން ދުވި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި މި ހަމަނުޖެހުން ހިންގާފައިވަނީ ފޮރިން މިނިސްޓްރީ ކުރިމައްޗަށްވާ ގޮތަށް ހުންނަ "ލަބާން ޑައިނާ" ކިޔާ ކެފޭގައެވެ.

އެމީހުންގެ ތެރެއިން އެކަކު ފުލުހަކަށް ހަމަލާދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހުންގެ ތެރެއިން ފުލުހަށް ހަމަލާދިނީ 28 އަހަރުގެ މީހާއެވެ.

ހަމަނުޖެހުން ހިންގި މައްސަލައާއި ފުލުހަކަށް ހަމަލާދިން މައްސަލަ ވަކި ދެ މައްސަލައެއްގެ ގޮތުގައި ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.