މާމެންދޫ މާރާމާރީގައި މަރުވި ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު، އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސްފިއެވެ.

މިމަހުގެ އަށްވަނަ ދުވަހު މާމެންދޫގައި ހިންގި އެ މާރާމާރީގައި މަރުވެފައިވަނީ އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔުއެވެ.

ފުލުހުން ބުނީ މާމެންދޫގައި ހިންގި މާރާމާރީގައި މަރުވި އުދައްޔުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު، އޭނާގެ ހަށިގަނޑު މިއަދު މާލެ ގެނެސްފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ޕޯސްޓްމޯޓަމް ހެދުމަށް އުދައްޔުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އޭނާގެ ޕޯސްޓްމޯޓަމް ހަދާފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލުންނެވެ.

މާމެންދޫގައި ހިންގި މާރާމާރީގައި އުދައްޔު މަރުވީ ހަށިގަނޑަށް ވަޅިން ދިން ހަމަލާތަކުގެ ސަބަބުންނެވެ. އެ މާރާމާރީގައި އުދައްޔުގެ އެއްބަނޑު ބޭބެ، ފިރުޝާން ޒާހިރަށްވެސް ވަނީ ވަޅިން ހަމަލާދީ ޒަހަމުކޮށްލައިފައެވެ.

މާމެންދޫން "ވަން" އާ ވާހަކަދެއްކި މީހަކު މީގެކުރިން ބުނީ އެރަށުގައި އޮންނަ ދެ ގްރޫޕެއްގެ ދެމެދުގައި މާރާމާރީތައް ފެށިގެން ދިޔައީ މީގެ އަހަރެއްހާ ދުވަސް ކުރީން، އަންހެނަކާ ގުޅޭ މައްސަލައެއްގައި ކަމަށެވެ. މިމަހުގެ އަށްވަނަ ދުވަހު ވެސް އެ މައްސަލައިގައި ދެ މާރާމާރީއެއް ހިންގި ކަމަށާއި އެންމެ ފަހުން ހިންގި މާރާމާރީ ވެގެންދިޔައީ އުދައްޔު މި ދުނިޔެއާ ވަކިވެގެން ދާން ޖެހުނު މާރާމާރީއަކަށް ކަމަށްވެސް އޭނާ ބުންޏެވެ.

އުދައްޔުއަށް ހަމަލާ ދިނީ ތިން ސައިކަލެއްގައި ދިޔަ ހަ މީހުންގެ ގްރޫޕަކުން ކަމަށާއި އެމީހުން ގޮސް ވަޅީންނާއި ދަގަނޑުބުރިން އޭނާއަށް ހަމަލާދިން ކަމަށްވެސް އެރަށުން ވާހަކަ ދެއްކި މީހާ ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފައެވެ. އެއީ 27 އަހަރުގެ މީހަކާއި 25 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެއް އަދި 18 އަހަރުގެ ދެ މީހެކެވެ.