ހިޔާ މަޝްރޫއުގެ އަލަތު ކައިވެނި ކެޓަގަރީ ހިމެނޭގޮތަށް ތިން ކެޓަގަރީއެއް އުވާލައި، ފޯމުތައް ބާތިލުކޮށްފިއެވެ.
ތިން ކެޓަގަރީއަކުން ފްލެޓް ނުދިނުމަށް ނިންމައި ސަރުކާރުން ގެޒެޓް ކޮށްފައިވާ އިއުލާނުގައި ބުނީ ފްލެޓް ނުދިނުމަށް ކަނޑައަޅާފައިވަނީ އެއް ކޮޓަރީގެ ފްލެޓް ކެޓަގަރީތަކުން ކަމަށެވެ. އެ ކެޓެގަރީތަކަށް ފްލެޓަށް އެދި ހުށަހެޅި އެންމެންނަށް ފްލެޓު ދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައިވެއެވެ.
ގެޒެޓްކުރި އިއުލާނުގައި ބުނީ ފްލެޓް ލިސްޓުން އުވާލަން ނިންމާފައިވަނީ H11 (އަށާރަ އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ އެއް ކޮޓަރީގެ އެޕާޓްމަންޓް)، H13 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ހާއްސަ އެއް ކޮޓަރީގެ އެޕާޓްމަންޓް) އަދި H15 (އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ އެއްކޮޓަރީގެ އެޕާޓްމަންޓް) ކަމަށެވެ.
އިއުލާނުގައި ބުނީ 2018 ވަނަ އަހަރު "ހިޔާ" މަޝްރޫއަށް އިއުލާނުކުރި އިރު، އެ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން އެއް ކޮޓަރީގެ ކެޓަގަރީތަކަށް (H11 އިން H15 އަށް) ފްލެޓް ދޫކުރުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ފޭސް ދޭއްގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އެއް ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށްފަހުގައި ކަމަށެވެ.
އެގޮތުން ހައުސިން މިނިސްޓްރީން ވަނީ ސަރުކާރުން ގަތުމަށް ލިބެންހުރި ފްލެޓްތަކާ ބެހޭ މައުލޫމާތު، ހުޅުމާލެ ފޭސް ދޭއްގައި ޓަވަރުތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިތަކުން ހޯދާފައި ކަމަށާއި މިނިސްޓްރީއަށް ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ސަރުކާރުން ގަތުމަށް ލިބެންހުރީ ހަމައެކަނި މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) އިން ސަރުކާރަށް އެލޮކޭޓްކޮށްފައިވާ 36 ފްލެޓްކަމުގައިވެސް އިއުލާނުގައި ބުންޏެވެ.
އެހެންކަމުން މިހާރު ސަރުކާރަށް ގަތުމަށް ލިބެންހުރި 36 ފްލެޓް، "ހިޔާ" މަޝްރޫއުގެ H14 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ އެއް ކޮޓަރި) ކެޓަގަރީއަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެލޮކޭޓްކުރުމަށްފަހު، ބާކީވާ ފްލެޓްތައް، "ހިޔާ" މަޝްރޫއުގެ H12 (މާލޭ ރަށްވެހިންނަށް ހާއްސަ އެއް ކޮޓަރި) ކެޓަގަރީއަށް އެލޮކޭޓްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ އިއުލާނުގައި ބުނީ، ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އިތުރު ފްލެޓް ގަންނަން ލިބެން ނެތުމުގެ ސަބަބުން އެ ކެޓަގަރީތަކަށް ހުށަހަޅާފައިވާ ފޯމުތައް ބާތިލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ފްލެޓުތަކުގެ މައްސަލަ އަލުން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ފްލެޓު ކޮމިޓީން އެ މައްސަލަ އަލުން ބެލުމަށް ފަހު ހިޔާ މަޝްރޫއުގެ އަށް ކެޓަގަރީއަކުން ދާއިމީ ލިސްޓު މިހާރު ވަނީ އިއުލާންކޮށްފައެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީ، ޓީޗަރުންގެ ކެޓަގަރީ، މާލޭ ރަށްވެހިންނަށް ހާއްސަ ކެޓެގަރީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ކެޓަގަރީ، މާލޭގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ މީހުންނަށް ހާއްސަ ކެޓަގަރީ، އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީ، ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީ އަދި ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ ކެޓަގަރީގެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު