ކުޅިވަރު

ރޮނާލްޑޯގެ ދަށް މެޗެއް، ވިދާލީ ހާލަންޑް

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ރޭ ޕޯޓޯ އިން ޔުވެންޓަސްގެ މައްޗަށް ކުރި ހޯދި އިރު، އާލިން ބްރަޓް ހާލަންޑްގެ ދެ ގޯލާއެކު ޑޯޓުމަންޑުން ސެވިއްޔާ ބަލިކޮށްފިއެވެ.

ޕޯޓޯގެ ދަނޑުގައި ޔުވެންޓަސް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ މިނެޓުގައި ޔުވެންޓަސްގެ ފަހަތުން ހެދި ގޯހެއްގެ ބޭނުން ހިފައި މެހްދީ ތަރެމީ ޕޯޓޯއަށް ލީޑު ނަގައިދީ ފައިވާއިރު، ދެވަނަ ހާފު ފެށިގެން ހާފުގެ ފުރަތަމަ މިނެޓްގައި ޔުވެންޓަސް ކޮޅަށް ވަނީ އިތުރު ގޯލެއް ވަދެފަ އެވެ. ދެވަނަ ހާފު ފެށިގެން 19 ސިކުންތު ހިނގިތަނާ މޫސާ މަރެގާ ޖެހި އެ ގޯލާއެކު ޔުވެންޓަސްއަށް މާޔޫސްކަން ކުރިމަތިވި ނަމަވެސް، އެޓީމަށް ހިތްހަމަ ޖެހުމެއް ލިބުނީ ފެޑްރީކޯ ޗިއޭސާ ޖެހި އަވޭ ގޯލުންނެވެ.

ޔޫރަޕުގެ ތަށި ފަސް ފަހަރަށް ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ރޭގެ މެޗުގައި އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައިނުވާއިރު، ޗެމްޕިއަންސް ލީގަކީ އޭނާ އެންމެ ފޯމުގައި ކުޅޭ މުބާރާތް ވެސް މެއެވެ. މެޗުގައި ރޮނާލްޑޯގެ ނުރައްކާތެރި ހަމަލާއެއް ފެނިގެން ގޮސްފައިނުވާއިރު، އޭނާގެ ފަރާތުން ފެނުނު ދަށް ކުޅުމަށް ބައެއް ސަޕޯޓަރުން ވަނީ މީސް މީޑިއާގައި ފާޑު ވެސް ކިޔައިފަ އެވެ.

ޔުވެންޓަސްއާއެކު ވެސް ރޮނާލްޑޯ ގިނަ ގޯލުތަކެއް ޖަހާފައިވާއިރު، މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ނޮކްއައުޓް ބުރުގައި އެ ޓީމުން ޖެހި ހުރިހާ ގޯލެއް ޖެހީ ރޮނާލްޑޯއެވެ. ރޮނާލްޑޯ އާންމުކޮށް ދެވަނަ ލެގުތަކުގައި ތަފާތު ދައްކާ ކަމަށް ގިނަ ބަޔަކު ފާހަގަކޮށްފައިވާއިރު، އަވޭ ގޯލަކާއެކު ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި އެޓީމަށް ނަތީޖާ އަނބުރާލެވޭނެ ކަމުގެ އުންމީދު ބޮޑެވެ. އިޓަލީގައި އެ މެޗު ކުޅޭނީ މާޗު 10 ވަނަ ދުވަހު އެވެ.

ރޭ ޑޯޓުމަންޑުން ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު، 3-2 ގެ ނަތީޖާއަކުން ޑޯޓުމަންޑުން ކާމިޔާބު ކޮށްފައިވާއިރު، ވިދާލީ އުމުރުން 20 އަހަރުގެ ނޯވޭ ފޯވަޑް ހާލަންޑެވެ.

މެޗުގެ ކުރީކޮޅުގައި ސެވިއްޔާގެ ސޫސޯ ޖެހި ގޯލާއެކު ޑޯޓުމަންޑު މާޔޫސް ކޮށްލި ނަމަވެސް، އިރުކޮޅެއް ފަހުން ޑޯޓުމަންޑުން ވަނީ މަހްމޫދު ދާއޫދުގެ ގޯލާއެނު ނަތީޖާ ހަމަހަމަ ކޮށްފައެވެ. ހާފު ނިމުމުގެ ކުރިން ހާލަންޑްގެ ގޯލާއެކު ޑޯޓުމަންޑުން ލީޑު ނަގާފައިވާއިރު، އެ ގޯލަކީ އޭނާ ޗެމްޕިއަންސް ލީގުގައި ކުޅުނު 13 މެޗުގައި ޖެހި 17 ވަނަ ގޯލެވެ.

ހާފު ނިމުމުގެ ކުރިން ހާލަންޑުގެ އިތުރު ގޯލެއް ފެނިގެން ގޮސްފައިވާއިރު، ސެވިއްޔާގެ ދެވަނަ ގޯލު ޖެހީ ލޫކް ޑިޔޯންއެވެ.

ޑޯޓުމަންޑުން އަވޭ ތިން ގޯލާއެކު އުންމީދު އާކޮށްފައިވާއިރު، އެ ދެޓީމު ޖަރުމަނުގައި ކުޅޭ މެޗު އޮންނާނީ މަޗު ނުވަ ވަނަ ދުވަހުއެވެ.