ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)ގެ ހިދުމަތް ވަރުގަދަ ކުރަން ޖަޕާނު ސަރުކާރުން ރާއްޖެއަށް 3.7 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ނިންމައިފިއެވެ.
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއި ޖަޕާނު ސަރުކާރާ ގުޅިގެން މިއަދު ވަނީ ރާއްޖޭގެ އެމްއާރުސީސީގެ ހިދުމަތް ވަރުގަދަ ކުރުމުގެ ގޮތުން 3.7 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ޖަޕާނުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައިއެވެ. އަދި ޔޫއެންއޯޑީސީގެ ފަރާތުން ސޮއިކުރެއްވީ ކްރައިމް ޕްރިވެންޝަން އެންޑް ކްރައިމް ޖަސްޓިސް އޮފިސާ މަސަމޯޓޯ ޔަމަގޫޗީއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ މަސްރޫއެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ތިން އަހަރު ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގައި ފުރަތަމަ އަހަރުގެ ތެރޭގައި އެމްއާރުސީސީގެ އާ އިމާރާތުގެ ހަތަރު ފަންގިފިލާ އެޅުމަށް އެހީ ފޯރުކޮށްދޭނެއެވެ. އޭގެ ތެރޭގައި ޓްރެއިނިން ފެސިލިޓީތަކާއި ލައިބްރަރީއެއް ހިމެނެއެވެ.
ދެވަނަ އަހަރާއި ތިންވަނަ އަހަރު ސާޗް އެންޑް ރެސްކިއު މެރިޓައިމް ލޯ އެންފޯސްމެންޓް ޓްރެއިނިން ޕްރޮގްރާމުތައް ކުރިއަށްގެންދިއުމަށް އެހީތެރިވެދޭނެއެވެ. ކޯސްޓްގާޑުގެ އިތުރުން ކަމާ ބެހޭ އެހެން މުއައްސަސާތަކުންވެސް އެ ޓްރެއިނިންތަކުގައި ބައިވެރިވާނެއެވެ. މި ޕްރޮގްރާމްތަކަކީ ޔޫއެންއޯޑީސީން ތައްޔާރުކޮށް ކުރިއަށްގެންދާނެ ޕްރޮގްރާމްތަކެކެވެ.
މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ޖަޕާނަކީ ރާއްޖޭގެ ތަރައްގީގައި ވަރަށް މުހިންމު އަދި އެހާމެ ގާތް ބައިވެރިއެއް ކަމަށާއި މިއަދު ދިވެހި މުޖުތަމައުގެ ހުރިހާ ދާއިރާއެއްގައިވެސް ޖަޕާނުގެ އެހީތެރިކަމާއި އޯގާތެރިކަމުގެ ހެކިތައް ފެންނަން ހުރި ކަމަށެވެ.
ޖަޕާނަކީވެސް ޖަޒީރާ ގައުމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ދެގައުމުގެ ގުޅުމަކީ އެއް ޖަޒީރާ ގައުމުން އަނެއް ޖަޒީރާ ގައުމަށް އެހީވެދިނުމުގެ ރީތި މިސާލު ރަަމްޒުކޮށްދޭ ގުޅުމެއް ކަމަށެވެ.
މާރިޔާ ވިދާޅުވީ 99.7 ޕަސެންޓް ކަނޑުގެ މައްޗަށް އެކުލެވިފައިވާ ރާއްޖޭގެ ކަނޑުމަތީގެ ސަލަމާތާއި ރައްކާތެރިކަމާއި އަމާންކަން އިތުރަށް ވަރުގަދަކޮށް، ކަށަވަރުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުވެސް ޖަޕާނުން ވަނީ ކޯސްޓްގާޑުގެ ހިދުމަތް ވަރުގަދަ ކުރުމަށް އެމްއާރުސީސީއަށް ބޭނުންވާ މުއާސަލާތީ ވަސީލަތްތަކާއި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ ޑައިވިން ގިއަރު ގަތުމަށް 7.6 މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު