އިއްޔެ ހެނދުނު ވ. އަތޮޅު ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮއްވައި ފެނުނު މީހާ އާއި އިއްޔެ ހަވީރު ވ. އަންބަރާ ކައިރިން ޑިންގީއެއްގައި އޮޔާ ދަނިކޮށް ފެނުނު މީހާއަކީ މިދިޔަ މަހު ސްރީލަންކާއިން މަހަށް ނުކުމެ އުޅެނިކޮށް ބެހުނު ދެ މީހުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮއްވައި ފެނުނު މީހާ އާއި އަންބަރާ ބޭރުން ޑިންގީއެއްގައި އޮޔާ ދަނިކޮށް ފެނުނު މީހާއަކީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ލަންކާ އިން މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ބެހިގެން ރާއްޖެއާ ހަމައަށް އައިސްފައިވާ ބައެއްކަން އެނގިފައިވާ ކަމަށެވެ.
މި މައްސަލައިގައި އިތުރަށް ސާފު ކުރަންޖެހޭ މައުލޫމާތު ކަމާ ގުޅުންހުރި ރަސްމީ އިދާރާތައް މެދުވެރިކޮށް ސާފުކުރަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.
ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވަނީ އިއްޔެ ހެނދުނު 11:02 ހާއިރެވެ. އަދި މަރުވެފައި އޮއްވައި ބިދޭސީ މީހާގެ ހަށިގަނޑު ފެނިފައިވަނީ ދަނޑިކަނޑަން އެ ރަށަށް ގޮސް އުޅުނު ބަޔަކަށް ކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.
ހާލުގައި ޖެހި އޮޔާދާ ޑިންގީއެއްގައި ބިދޭސީއަކު އިންދާ ފެނިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވަނީ އިއްޔެ ހަވީރު 5:12 ހާއިރުއެވެ. އަދި އެމީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު