ޖިންސީ އަނިޔާ ދިނުމުގެ ސީރިއަސް ތުހުމަތުތަކެއްކޮށް، ދައުވާ އުފުލާފައިވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުނު ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލަ ތަހުގީގު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއޭސްސީ) އިން ނިންމައިފި އެވެ.

ގާޒީ ހަސަން ސައީދުގެ މައްސަލަ ޖޭއެސްސީން ބަލަން ނިންމާފައި މިވަނީ އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ޖޭއެސްސީއަށް ހުށަހެޅުމުންނެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު ބާތިލުކުރުމަށް ގާޒީ ހަސަން ސައީދު އަމުރު ނެރުމުގައި، ފާޅުކަންބޮޑު ގޮތެއްގައި ގާނޫނުއަސާސީއާއި ގާނޫނުތަކާއި ކަނޑައެޅިފައިވާ އިޖުރާއަތުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ.

އެގޮތުން، ގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލަ ތަހުގީގު ކުރަން ނިންމީ ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު ބާތިލުކުރުމުގައި ދައުވާ ލިބޭ ފަރާތުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސްއެޅޭ ގޮތަށް އަދި ޖިނާއީ ދައުވާ ލިބޭ އެހެން ފަރާތްތަކާމެދު އަމަލުކުރާ ގޮތާ ތަފާތުގޮތަކަށް ކަންކޮށްފައިވާތީ ކަމަށާއި އެ އަމުރު ނެރުމުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް، ދައުވާ ލިބޭ ފަރާތަށް ނާޖާއިޒް މަންފާ ހޯދައިދިން ކަމަށް ބެލެވޭތީ ކަމަށް ޖޭއެސްސީން ބުންޏެވެ.

އަލީ ވަހީދުގެ މައްޗަށް މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ތުހުމަތުތަކެއް ކުރުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާއަށް ފުރުން މަނާކޮށް ޕާސްޕޯޓް އޮތީ ހިފަހައްޓައިފައެވެ. އެ މައްސަލަތަކުގައި އޭނާއަށް ވަނީ ދައުވާވެސް ކޮށްފައެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން މިމަހުގެ ނުވަވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި އޭނާގެ ސިއްހީ ހާލަތު ބަޔާންކޮށް ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އެދުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ޖާމިނުވާނެ (ޒިންމާ އުފުލާނެ) ފަރާތެއް ހުށަހެޅުމުން ކަމަށެވެ. ޒިންމާވާނެ ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަސްހަދު އަލީ (އަޑުބަރޭ) އެވެ.

ޕީޖީ އޮފީހުން މީގެ ކުރިން ބުނީ އެދުވަހު ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކުރަން ނިންމީ ރަނގަޅަށް ކަމަށް ނުދެކޭ ކަމަށެވެ. އެ މައްސަލަ މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.

ޕީޖީ އޮފީހުން ބުނީ ވަކި މުއްދަތަކަށް ޝަރުތުކޮށް ޕާސްޕޯޓު ދޫކުރިކަމުގައި ވިޔަސް އަލީ ވަހީދު ރާއްޖޭން ފުރާ ހިސާބުން ފެށިގެން އެ އަމުރު އަލީ ވަހީދުގެ މައްޗަށް ތަންފީޒު ނުކުރެވޭނެ ކަމަށާއި މީހަކު ޖާމިނުކުރިކަމުގައި ވިޔަސް އަލީ ވަހީދުގެ ޖާމިނު ޒިންމާކުރެވޭ ކަމާމެދު އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ. އެހެންކަމުން ޖާމިނުކޮށް، ޕާސްޕޯޓު ދޫކުރުމަށް އިއުތިރާޒު ކުރާ ކަމަށް ބުނެފައިވާނެ ކަމަށް ޕީޖީން ބުނެފައިވެއެވެ.

ކޯޓު އަމުރުގައި އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު އެނބުރި އައިސްފައިނުވާނަމަ، އޭނާގެ މައްޗަށާއި އޭނާ ޖާމިނު ކޮށްފައިވާ މީހާގެ މައްޗަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް އެކަމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން އެ އޮފީހުން ކުރަމުން ގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

ގާޒީ ހަސަން ސައީދުގެ މައްސަލައެއް ޖޭއެސްސީން ބަލަން ފަށާފައިވާއިރު މީގެ ކުރިން ފެމިލީ ކޯޓުގައި ކުރިމަތިވި ޖިންސީ ފުރައްސާރައިގެ މައްސަލައެއް އޮއްބާލަން އުޅުއްވި ކަމުގެ ތުހުމަތުގައި އޭނާގެ މައްސަލައެއް ޖޭއެސްސީން ވަނީ ބަލައިފައެވެ. އަދި އެ މައްސަލަ ބަލައި ޖޭއެސްސީން ތަހުގީގު ނިންމީ ފަނޑިޔާރުގެ މަގާމުން ވަކިކުރާށެވެ. ނަމަވެސް ފިޔަވަޅެއްގެ ގޮތުގައި ނަސޭހަތްދިނުމަށްފަހު، ކުރިމިނަލް ކޯޓަށް ބަދަލުކުރަން ޖޭއެސްސީން ނިންމިއެވެ.