ތ. ކަނޑޫދޫ ކައުންސިލުގެ ރައީސް ކަމަށް ވާދަކުރެއްވި އެ ރަށު އުސްގެ/ ހަސަން މޫސާގެ ކެނޑިޑެންސީ ބާތިލް ކުރި މައްސަލައިގައި، އިލެކްޝަންސް ކޮމިޝަން (އީސީ)އާ ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައިވާއިރު، އެ އިންތިހާބުގައި ވާދަކުރާ ބައެއް ފަރާތްތަކުން ނަން އަނބުރާ ގެންދިއުމާ ގުޅިގެން އިންތިހާބާ ނުލައި ގިނަ ބަޔަކަށް މިހާރު ވަނީ ގޮނޑި ކަށަވަރުވެފައެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވި ގޮތުގައި މިމަހު 11ގެ ނިޔަލަށް ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވެފައިވާއިރު، އިންތިހާބަކާ ނުލައި މިހާތަނަށް 30 މީހުން ކައުންސިލަށް އިންތިހާބު ވެފައިވާ ކަމަށެވެ. އޭގެ ތެރެއިން ކަނޑޫދޫ ކައުންސިލް ރައީސްގެ މަގާމަށް އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު ރީހާން (ތ.ކަނޑޫދޫ/ ރީހުއްސަބާ) އިންތިހާބު ވެފައިވަނީ އޭނާއާ ވާދަކުރި ވާދަކުރި ހަސަން މޫސާގެ މައްސަލައެއް އޮވެގެން އޭނާގެ ކެނޑިޑެންސީ އީސީން ބާތިލުކުރުމާ ގުޅިގެންނެވެ.
އެ މައްސަލަ ހަސަން މޫސާގެ ފަރާތުން މިއަދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. ކޯޓުގައި ދެކެވުނު ވާހަކަތަކަށް ބަލާއިރު އޭނާގެ ކެނޑިޑެންސީ ބާތިލު ކުރީ ސާބިތު ދަރަންޏެއް އޮވެގެންނެވެ.
އެ މައްސަލަ މިއަދު ސުޕްރީމް ކޯޓަށް ހުށަހަޅުއްވަމުން ހަސަން މޫސާގެ ގާނޫނީ ވަކީލު އަބްދުﷲ ސައީދު ވިދާޅުވީ، އީސީން ހަސަން މޫސާގެ ކެނޑިޑެންސީ ބާތިލު ކުރީ ޑީޖޭއޭ އިން އެ ކޮމިޝަނަށް ދިން މައުލޫމާތާ ގުޅިގެން ކެނޑިޑެންސީ ސައްހަ ކަމަށް ނިންމައި، ކެނޑިޑެންސީ ގަބޫލުކުރުމަށް ފަހުގައި ކަމަށެވެ. އެހެންކަމުން އީސީން އެ ނިންމުން ނިންމާފައިވަނީ ގާނޫނީ ގޮތުން ލިބިގެން ނުވާ ބާރުވެރިކަމެއް ހޯދައިގެން ގާނޫނުތަކާއި ގަވާއިދުތަކާ އަދި އުސޫލުތަކުގެ ބޭރުން ކަމަށް ވެސް ވިދާޅުވި އެވެ.
އެ ދައުވާއަށް ރައްދު ދެއްވަމުން އީސީގެ ވަކީލު ނޫރުއްސަލާމް ވިދާޅުވީ، އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބުނާގޮތަށް 48 ގަޑިއިރުގެ ތެރޭގައި ހަސަން މޫސާގެ ކެނޑިޑެންސީ ގަބޫލުކޮށް އޭނާއަށް ލިޔުން ދިނީ، ޑީޖޭއޭ އިން ފޮނުވި އޭނާގެ ކުށުގެ ރެކޯޑު ސާފުކޮށް އޮތުމުން ކަމަށެވެ. ނަމަވެސް ހަސަން މޫސާގެ ކެނޑިޑެންސީ ބާތިލް ކުރީ، ޑީޖޭއޭ އިން ފަހުން ފޮނުވި ރިޕޯޓެއްގައި އޭނާގެ ދަރަނީގެ ކުށުގެ ރެކޯޑު އޮތް ކަމަށް ހިމެނުމުން ކަމަށް ވިދާޅުވި އެވެ.
"ނަމަވެސް އޭނާގެ ކެނޑިޑެންސީ ބާތިލު ކުރީ އިންތިހާބުތަކާ ބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ ދަށަކުންނެއް ނޫން. އެއީ އެ މާއްދާގައި ބުނެފައިވަނީ 48 ގަޑިއިރުގެ ތެރޭގައި ކުށުގެ ރެކޯޑު ބަލައި ކެނޑިޑެންސީ ގަބޫލުކުރަން ޖެހޭނެ ކަމަށް. ނަމަވެސް ކެނޑިޑެންސީ ގަބޫލު ކުރުމަށްފަހު ދެން ކުށުގެ ރެކޯޑް އޮތްކަން އެނގިއްޖެނަމަ ކަންތައް ކުރާނެ ގޮތެއް އެ ގާނޫނުގައި ބުނެފައެއް ނުވޭ. ނަަމަވެސް ގާނޫނުގައި ވަކި ގޮތަކަށް ކަނޑައަޅާފައި ނެތް ކަމެއް ދިމާވެއްޖެނަމަ އެކަމެއް ނިންމާނީ، އިލެކްޝަން ކޮމިޝަނުން ކަމަށް ލޯކަލް ކައުންސިލް އިންތިހާބުގެ ގަވާއިދުގެ 65 ވަނަ މާއްދާގައި ބުނެފައިވާތީ، އޭނާގެ ކެނޑިޑެންސީ ބާތިލު ކުރީ އީސީން،" ވަކީލު ނޫރުއްސަލާމް ވިދާޅުވި އެވެ.
ދެ ފަރާތުގެ ވާހަކަތަކަށްފަހު މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމަވާލައްވަމުން އުއްތަމަ ފަނޑީޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ، އެކަމާބެހޭ ގޮތުން ދެން ބާއްވާ އަޑުއެހުމެއްގައި މައްސަލައަށް ހުކުމް އިއްވަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު