ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް މަހު ކުލީގެ ގޮތުގައި ދައްކަން އެޗްޑީސީން ހުށަހަޅާފައިވާ އެންމެ ކުޑަ އަގަކީ 7،000 ރުފިޔާ ކަމަށާއި ނަމަވެސް އެކަމަށް އަދި ގޮތެއް ނިމިފައިނުވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިޔާ ފްލެޓުތަކުގެ ކުއްޔާ ގުޅޭ ގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލު އަހުމަދު ނަސީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ފްލެޓްތަކަށް ކުލި ދެއްކުމަށް ހަތަރު ގޮތެއް ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ މާބޮޑު ތަފުސީލެއް ނުދީ ވިދާޅުވީ، އެ އަގުތައް އަދި ފައިނަލް ކުރަންޖެހޭ ކަމަށެވެ.
"އެ އޮޕްޝަންތަކުގެ ތެރޭގައި އެންމެ ކުޑަކޮށް އޮޕްޝަންގައި އޮންނަނީ 7000 ރުފިޔާ މަހަކު ދައްކާށޭ އިންނަނ.ީ އެއީ ޑައުން ޕޭމަންޓުގެ ކޮންމެވެސް މިންވަރެއް ދައްކާފައި، 20 އަހަރަށް މަހުން މަހަށް ދައްކާ ގޮތަށް. އެއްވެސް ޑައުންޕޭމަންޓެއް ނުދައްކާ ދައްކާ ކަމަށްވާނަމަ ދައްކަންޖެހޭ ވަރެއް އެބައޮތް. ފުލީކޮށް ޕޭކުރަންޔާ ވާގޮތް ވެސް އެބައޮތް ސާފުކޮށް ފެންނަން،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.
ހިޔާ ފުލެޓްތަކުގެ އެންމެ ކުޑަ ކުއްޔަކީ މަހަކު 7،000 ރުފިޔާ ކަމަށް ސަރުކާރުން ނިންމި އިރު، ރައީސް އަބްދުالله ޔާމީންގެ ސަރުކާރުން ނިންމާފައިވާ ގޮތުން ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ މަހު ކުއްޔަކީ 5،600 ރުފިޔާ އެވެ. އެއީ 20 އަހަރަށް ބަހާލައިގެން ޑައުންޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދެއްކުމުން ދައްކަންޖެހޭ ވަރެވެ. އަދި މެއިޓެނެންސް ފީގެ ގޮތުގައި 1،000 ރުފިޔާ ކަނޑައަޅާފައިވެ އެވެ.
ހިޔާ ފްލެޓް މަޝްރޫއުއަށް ހުށަހެޅި ހުރިހާ ފޯމެއް މި ސަރުކާރުގެ ފްލެޓް ކޮމިޓީން އަލުން އިވެލުއޭޓްކޮށް ދާއިމީ ލިސްޓުތައް ވަނީ ނެރެފަ އެވެ. އެ ފްލެޓްތައް އަންނަ މަހު ހަވާލު ކުރެވޭނެ ކަމަށް ސަރުކާރާއި އެޗްޑީސީން ކުރިން ބުނި ނަމަވެސް، ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކު އަޒީޒު ވަނީ ފުލެޓްތަކަށް ވަދެވޭވަރު ވާނީ މެއި ނުވަތަ ޖޫން މަހުގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު