ފުލެޓް ކޮމިޓީން ނެރެފައިވާ ފައިނަލް ލިސްޓުގައި، ސިވިލް ސާވަންޓުންގެ ކެޓަގަރީން ވެސް 50 ޕަސެންޓަށްވުރެ ދަށުން މާކުސް ލިބިފައިވާ މީހުންނަށް ފުލެޓް ލިބޭނެ ކަމަށް ހިމަނާފައިވި ނަމަވެސް، އެ އަދަދަށްވުރެ ދަށުން މާކުސް ލިބުނު ފަރާތްތަކަށް ފުލެޓް ނުލިބޭ ގޮތަށް މިހާރު ހަމަޖައްސާފައިވާ ކަމަށް ހައުސިން މިިނިސްޓަރު މުހައްމަދު އަސްލަމް ވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި 7000 ފްލެޓާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރު އަސްލަމް ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން އެއްވެސް ކެޓަގަރީއަކުން 50 އިންސައްތައިން ދަށުން މާސްކް ލިބުނު މީހުންނަށް ފްލެޓު ނުލިބޭނެ ކަމަށެވެ.

ފްލެޓްތައް ދިނުމުގައި އިވެލިއުއޭޓްކުރާ އެއްވެސް ކްރައިޓީރިއާއަކަށް ބަދަލު ނުގެނައި ނަމަވެސް މާކްސް ދެނީ 100 އަކުން ކަމަށްވެފައި ފްލެޓް ލިބޭނީ 50 އިން މަތިން މާސްކް ލިބިގެން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ސިވިލް ސާވިސްގެ ބައި ފިޔަވައި އެހެން ހުރިހާ ކެޓަގަރީއަކަށް ވެސް ފްލެޓް ދިނުމުގައި އަމަލުކޮށްފައިވަނީ އެގޮތަށް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ނަމަވެސް ފްލެޓް ކޮމިޓީން ހިޔާ މަޝްރޫއުގެ ފައިނަލް ލިސްޓު ނެރެފައިވާއިރު، ސިވިލް ސާވިސް ކެޓަގަރީން 14 ނުވަތަ 12 މާކްސް ލިބުނު މީހުންނަށް ފްލެޓް ލިބުމުގެ ޝަކުވާ ބޮޑުވެފައިވާތީ، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށްފަހު، އެ ކެތަގަރީންވެސް 50 ޕަސެންޓުން ދަށުން މާސްކް ލިބުނު މީހުންނަށް ފްލެޓް ނުދޭން ނިންމާފައިވާ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ސިވިލް ސާވިސްއަށް 50 ޕަސެންޓުން ދަށުން މާސްކް ލިބިގެން ވެސް ފްލެޓް ލިބޭ ގޮތަށް ބާއްވަން ކޮމިޓީން ނިންމީ ސިވިލް ސާވިސް ކެޓަގަރީގެ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމަކީ ކްރައިޓީރިއާއެއްގެ ގޮތުގައި ހިމެނިފައިނުވާތީ ކަމަށެވެ. އެ ކެޓަގަރީއަށް 100 އިން މާކްސް ދިނީ ސަރުކާރުގައި އުޅުނު މުއްދަތަށާއި މީހާގެ ތައުލީމީ ފެންވަރާއި ދަރިންގެ އަދަދުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކު އާއިލާގައި ހުރޭތޯ ބެލުމަށް ކަމަށްވެސް ވިދާޅުވިއެވެ.