އެމްޕީއެލް ސަރަހައްދުގައި ހިނގި ހާދިސާގައި ގައިމައްޗަށް ކާޕެޓް ރޯލު ވެއްޓި ޒަހަމްވި ޒުވާނާ، އިންޑިއާގައި ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

މިމަހުގެ ފަސް ވަނަ ދުވަހު އެމްޕީއެލް ސަރަހައްދުގައި ހިނގި އެ ނުރައްކާތެރި ހާދިސާގައި ޒަހަމްވީ ހދ. ނޮޅީވަރަން، ނައިޓް ޓްރީމް، އިމްރާން އަލީ، 28އ. އެވެ.

އެމްޕީއެލުން ބުނާ ގޮތުގައި، އެ ހާދިސާ ހިނގީ އެމްޕީއެލްގެ ޔާޑުގައި ހުރި ކާޕެޓް ރޯލުތަކެއް ބޭރަށް ނެރުމަށްޓަކައި ކެރޭނުން ދޯންޏަކަށް އެރުވުމުގެ ތެރޭގައި ބެލެންސް ކެޓުމުގެ ސަބަބުން، ކާޕެޓް ރޯލު އިމްރާންގެ ގައިމައްޗަށް ވެއްޓިގެންނެވެ.

އިމްރާން މަސައްކަތް ކުރަމުން ދިޔައީ އެ މުދާތައް ނެރުމާ ހަވާލުވި މިނާ އިންވެސްޓްމެންޓް ކްލިއަރެންސް ގްރޫޕުގެ މަޖޫރީއެއްގެ ގޮތުގަ އެވެ.

އެ ހާދިސާގައި އިމްރާންގެ ދެ ފައި އިރައިގެން ގޮސް، ޅިނދުކަށިގަނޑު ބިނދި ސީރިއަސް އަނިޔާތަކެއް ލިބުނެވެ. ހާދިސާއަށްފަހު އިމްރާނަށް ފަރުވާ ދެމުންދިޔައީ އައިޖީއެމްއެޗުގެ އައިސީޔޫގައެވެ. ނަމަވެސް މިިދިޔަ ހޯމަ ދުވަހު ވަނީ އިތުރު ފަރުވާއަށް އިންޑިއާއަށް ފޮނުވާލައިފަ އެވެ.

އޭނާ މަރުވީ އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ރޭ 1:30 އެހާކަންހާއިރު އެވެ.

މި ހާދިސާއާ ގުޅިގެން އެމްޕީއެލްގެ އެކްސިޑެންޓް އެންޑް އިންވެސްޓިގޭޝަން ކޮމެޓީން މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ހާދިސާގެ ތަހުގީގުން ވަކި ގޮތެއް ކަނޑައަޅަންދެން، މިނާ އިންވެސްޓްމަންޓް ގުރޫޕާއި އެ ހާދިސާއާ ގުޅުންހުރި އޮޕަރޭޝަންގައި މަސައްކަތްކުރަމުންދިޔަ އެމްޕީއެލްގެ މުވައްޒަފުން ވަނީ ސަސްޕެންޑުކޮށްފަ އެވެ.

މިއީ މިއަހަރުގެ ތެރޭގައި އެމްޕީއެލް ސަރަހައްދުގައި ހިނގި ދެވަނަ ހާދިސާގައި މަރުވި ދެވަނަ މީހާ އެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި ބިއްލޫރި ޕެލެޓްތަކެއް ދަށުވި ނ. ލަންދޫ، ފޭރުގަސްދޮށުގޭ، އަބްދުﷲ އާސިމް (27އ) ވަނީ މަރުވެފަ އެވެ.