ލީގުގައި އެންމެފަހުން ކުޅުނު ތިން މެޗުންވެސް ބަލި، އަނިޔާގެ އެތައް މައްސަލަތަކެއްގެ ތެރޭގައި އޮތް ލިވަޕޫލުން ޔޫއެފާ ޗެމްޕިއަންސް ލީގު ގަދަ 16ގެ ފުރަތަމަ ލެގުގައި ރެޑްބުލް ލެއިޕްޒިގާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފިއެވެ.

މިދިޔަ އަހަރުގެ ސެމީ ފައިނަލްގައި ކުޅުނު ލެއިޕްޒިގްގެ ދަނޑުގައި ލިވަޕޫލުން އެޓީމުގެ މައްޗަށް ކުރިހޯދީ، 2-0ގެ ނަތީޖާއަކުންނެވެ. ކޮވިޑް 19އާއި ގުޅިގެން ޖަރުމަނުގައި އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކާ ހެދި ލިވަޕޫލަށް އެގައުމަށް އެތެރެ ނުވެވުމުގެ ސަބަބުން ރޭގެ މެޗު ކުޅެފައިވަނީ ހަންގޭރީގެ ބުޑަޕެސްޓްގައެވެ. ޕުސްކަސް އެރީނާގައި ކުޅުނު މެޗުގައި ލިވަޕޫލަށް ގޯލްތައް ޖަހައިދިނީ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭއެވެ.

ފުރަތަމަ ހާފް ގޯލެއް ނުޖެހި ނިންމާލަން ޖެހުނު ނަމަވެސް، ދެވަނަ ހާފްގެ ކުރީކޮޅުގައި ލިވަޕޫލުން ވަނީ ފުލުފުލުގައި ދެ ގޯލް ޖަހާފައެވެ. ދެ ގޯލައިގައިވެސް ލެއިޕްޒިގްގެ ޑިފެންސް މައްސަލަ ވަރަށް ބޮޑަށް ފާހަގަވެގެން ގޮސްފައިވާއިރު، ފުރަތަމަ ގޯލް ސަލާހް ޖެހީ ފަހަތުން ދިން ބޮޑު ބޯޅައެއްގެ ބޭނުން ހިފައިގެންނެވެ.

ދެވަނަ ގޯލް ޖެހުމަށް ލިވަޕޫލްގެ މާނޭއަށް ފަސޭހަ ވެގެން ދިޔައީ ލެއިޕްޒިގްގެ ނޯޑި މުކުއިލޭގެ އަތުން ބޯޅަ ގެއްލުމާއެކު އޭނާއަށް ހުސްކޮށް ބޯޅަ ލިބުމުންނެވެ. މެޗުގެ ފުރަތަމަ ކޮޅުގައި ލެއިޕްޒިގުން ނުރައްކާކޮށް، ޑެނީ އޮލްމޯ ބޮލުން ޖެހި ބޯޅަ ދަނޑިއަށްވެސް އަމާޒުވެފައިވާއިރު، އޭގެފަހުން ނުރައްކާތެރި ހަމަލާއެއް އެޓީމުގެ ފަރާތުން ފެނުނީ މަދު ފަހަރެއްގައެވެ.

ލިވަޕޫލާއި ލެއިޕްޒިގް ވާދަކުރާ ދެވަނަ ލެގް އެންފީލްޑްގައި އޮންނާނީ މާޗު 10 ވަނަ ދުވަހުއެވެ.