އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ އިންތިހާބުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން އެ ފެޑެރޭޝަނާ ދެކޮޅަށް ރާއްޖޭގެ މަރިޔަމް މުހައްމަދު (މާޔަން) ހުށަހެޅި މައްސަލައިގައި ހިމެނޭ ކަންތައްތައް، އޭއެފްސީގެ މައްޗަށް ސާބިތުވާކަމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް)އިން ވަނީ ނިންމާފައެވެ. 2019 ވަނަ އަހަރުގެ އޭޕްރީލް މަހު އޭއެފްސީގެ އެގްޒެކެޓިވް ކޮމިޓީގެ ސައުތު ޒޯންގެ ގޮނޑިއަށް މާޔަން އަންނަން ކުރި މަސައްކަތް އޭއެފްސީން ހުއްޓުވާފައި ވަނީ އަންހެން ކެންޑިޑަކަށް ވަތީ ތަފާތުކޮށް، ތިންވަނަ ފަރާތެއްގެ ނުފޫޒު ވެއްދުމުގެ އިތުރުން، ކެންޑިޑޭޓުގެ ހައްގުތައް އުނިވާ ގޮތަށް ކުރި މަސައްކަތުން ކަމަށް ސީއޭއެސްއިން ވަނީ ނިންމާފައެވެ.

މާޔަން ވާދަކުރެއްވި ބަންގްލަދޭޝްގެ މަހްފޫޒާ އަޚްތަރު ކިރަންއަށް ކާމިޔާބު ހޯދައިދޭން އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވޭތުގެ ޝެއިޚް އަހުމަދު އަލް-ސަބާހް ނުފޫޒު ފޯރުއްވި ކަމަށާއި ކަންކަން ނިންމުމުގައި ރަސްމީ އިދާރާތަކުން ޖިންސުގެ ތަފާތުކުރުންތައް ގެންގުޅުނު ކަަމަށް ސީއޭއެސްއިން ނިންމާފައިވާއިރު، މާޔަންގެ މަައްސަލަ ގިނަ ބައެއްގެ ސަމާލުކަމަށް އައީ ކުޅިވަރުގެ "ކިންގް މޭކާ"އެއް ކަމަށްވާ ޝެއިޚް އަހުމަދާ ދެކޮޅަށް މާޔަން މައްސަލަ ވެއްދުމުންނެވެ.

ޝެއިޚް އަހުމަދު މިވަގުތު އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމިޓީން އަމިއްލައަށް ސަސްޕެންޑް ވެގެން ހުރިއިރު، އޭނާއަކީ މިހާރުވެސް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސެވެ. އޭގެ ކުރިން ފީފާގެ އެގްޒެކެޓިވް މެންބަރު ކަމުގައި ޝެއިޚް އަހުމަދު ހުރި ނަމަވެސް، އެކަމުގެ ތެރެއިން އޭނާ އަމިއްލައަށް އިސްތިއުފާދިނީ އެމެރިކާގެ ފެޑަރަލް ކޯޓަކުން، ފުޓުބޯޅައިގެ ތެރެއަށް އޭނާ ރިޝްވަތު ހުށަހަޅައި، މަނީ ލޯންޑާ ކުރި މައްސަލައެއް ބަލަން ފެށުމުންނެވެ.

މިދިޔަ މަހު ޝެއިޚް އަހުމަދުގެ ފޯޖަރީ މައްސަލައެއް ޖެނީވާގެ ކޯޓަކުން ބަލާފައިވާއިރު، މާޔަން ބޭޒާރުކޮށްލީ އާދައިގެ މީހެއް ނޫންކަން ޝެއިޚް އަހުމަދުގެ މައްސަލަތަކުން އެނގެއެވެ. އެކަން ދުނިޔޭގެ ސަމާލުކަމަށްވެސް އައެވެ. މާޔަންގެ ކޭސްއާއެކު، ސްޕޯޓްސް އާބިޓްރޭޝަންގައި ހަރަކާތްތެރިވާ އެތައް ބަޔަކު ވަނީ، މުޅި ދުނިޔޭގެ ކުޅިވަރުގައި އުންމީދު ގެއްލި، މާޔޫސްކަމުގައި ތިބި އެތައް އަންހެން ލީޑަރުންނަކަށް އުންމީދު ލިބޭނެ ކަމަށް ބުނެފައެވެ.

އެ ކަންކަން ފާޅުކަންބޮޑު ގޮތެއްގައި ހާމަކުރުމަށް މާޔަން ވަނީ ބައިނަލްއަގުވާމީ މީޑިއާތަކަށް އޭނާގެ ކޭސް ތަފްސީލުކޮށް ކިޔައިދީފައެވެ.

އޭއެފްސީ އިންތިހާބަށް ދެ ދުވަސްކުރިން އިލެކްޝަން އޮތް ސަރަހައްދާ ދުރުނޫން ހޮޓަލަކަށް ޕްރައިވެޓް މީޓިން އަކަށް މާޔަން ގެންގޮސް، ޝެއިޚް އަހުމަދު އޭނާއަށް ހާއްސަ ހުށަހެޅުންތަކެއް ހުށަހެޅި ކަމަށް މާޔަން ވަނީ ބުނެފައެވެ. ޝެއިޚް އަހުމަދާއެކު އެތައް ބަޔަކު ތިބި އެ ބައްދަލުވުމަށް މާޔަން ދިޔުމުން، ނަން އަނބުރާ ނެގުމަށް އެދިފައިވާ ކަމަށް މާޔަން ވަނީ ބުނެފައެވެ. ސަބަބަކީ މަހްފޫޒާ އަށް ތާއީދުކުރަން ޝެއިޚް އަހުމަދު ނިންމާފައި ވުމެވެ. މާޔަން ނަން އަނބުރާ ނަގައިފިނަމަ ފީފާ ނުވަތަ އޭޝިއާގެ ފުޓްބޯޅައިގެ މަގާމެއް ހަމަޖައްސައި ދެވިދާނެ ކަމަށާއި އެކަމަކު އެގޮތަށް އަމަލު ނުކޮށްފި ނަމަ އޭނާގެ ކެރިއަރު ނިމި، ރާއްޖެއަށްވެސް ގެއްލުން ވެދާނެ ކަމަށް ޝެއިޚް އަހުމަދު ވިދާޅުވި ކަމަށް މާޔަން ބުނެފައިވެއެވެ.

"އެ މީހުން ޝެއިޚް އަހުމަދު ބޭނުމެއް ނުވޭ، އެމީހުން ބޭނުންވަނީ ހަގީގީ ކުރިއެރުމަށް މަސައްކަތް ކޮށް، އަންހެނުންގެ އަސްލު މަގާމުގައި އަޑު އުފުލާނެ މީހުން،" މައްސަލަ ޖައްސަމުން މާޔަން އެމެރިކާގެ ނޫހެއް ކަމަށްވާ "ޓިކެޓް" އަށް ބުނެފައިވެއެވެ.

އޭއެފްސީ އެތިކްސް ކޮމިޓީއާއި އޭއެފްސީ ޑިސިޕްލިނަރީ ކޮމިޓީއަށް މާޔަން މައްސަލަ ލީ ނަމަވެސް، ޖަވާބެއް ނުލިބި މާޔަން އަލުން މައްސަލަ ލާފައި ވަނީ ސީއޭއެސްއަށެވެ. މާޔަންގެ ފަރާތުން ވަކާލާތު ކޮށްފައިވާއިރު، ސިންގަޕޫރުގެ ޑެޝާޓް އެލްއެލްޕީ ލޯ ފާމުން ބުނެފައި ވަނީ ސީއޭއެސްގެ ޕެނަލްއަށް މައްސަލަ ސާފު ކަމަށެވެ.

"މާޔަންއަށް ކްރެޑިޓް ހައްގު. މާޔަންއަށް ކުރިމަތިވެފައި އޮތް ބޮޑު ޕްރެޝަރާއެކުވެސް އޭނާގެ ހުށަހެޅުން އޭއެފްސީއާ ދެކޮޅަށް ސީއޭއެސްއަށް ހުށަހެޅުމަކީ ވަރަށް ހިތްވަރުގަދަ ނިންމުމެއް. މާޔަން އެކަން ކުރީ އޭއެފްސީއާއެކު ރާއްޖޭގެ ފުޓުބޯޅައިން އުމުރަށް ބޭރުވެދާނެ ކަމުގެ ބިރު އޮއްވައި. ކުރިން ރާއްޖޭގެ ގައުމީ އަންހެން ކޯޗުކަން ކުރި މާޔަން، މައްސަލަ ހުށަހެޅި އިރުން ފެށިގެން އެފްއޭއެމްއިންވެސް މާޔަން ހުރީ ބާކީ ކޮށްލާފައި،" އޮސްޓްރޭލިއާގެ ގާނޫނީވަކީލު މާކް މަންގަން ބުނެފައިވެއެވެ.

މާޔަން ބޭނުންވި ގޮތަށް އިންތިހާބު ބާތިލުކޮށްދޭން ސީއޭއެސްއިން އިންކާރު ކުރުމުން މާޔަން މާޔޫސްކަން ކުރިން ފާހަގަކޮށްފައިވެއެވެ. އޭއެފްސީން ބުނެފައި ވަނީ އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާނެ ނިންމުމެއް ސީއޭސްއިން ނުނިންމާ ކަމަށާއި، މާޔަންއާ އެއްކޮޅަށް ނިންމުމުގެ ސަބަބުން އިންތިހާބަށް އަސަރު ނުކުރާނެ ކަމަށެވެ. ސީއޭއެސްއަށް ތިންވަނަ ފަރާތެއްގެ އިންތިހާބު ބާތިލުކުރުމުގެ ބާރު ނޯންނާނެ ކަމަށް އެފަރާތުން ބުނެފައިވާއިރު، ވަކީލު މަންގަން ބުނެފައިވަނީ މާޔަންގެ ހިތްވަރަކީ މުޅި ކުޅިވަރު މައިދާނުގައި ބޭނުންކުރެވޭނެ މިސާލެއް ކަމަށެވެ.

"މި ސާބިތުކޮށްދެވުނީ ސީދާ، އަދި ނުސީދާ ގޮތުން ތަފާތުކުރުން ގެންގުޅޭ ގެންގުޅުމުގެ ހަގީގަތްތައް. މީގެ ކުރިން އެއްވެސް އަންހެނަކު އޭއެފްސީގެ ޖިންސެއް ބަޔާންކޮށްފައި ނުވާ ގޮނޑިއަކަށް ވާދަކޮށްފައެއްވެސް ނެތް. އަދި އަންހެނުން ގޮނޑިތަކަށް ހޮވާ އެންމެންނަށް އަޑު އުފުލުމަށް މާހައުލު ގެއްލުވާލާ،" މަންގަން ބުނެފައިވެއެވެ.

ސީއެސްއޭއިން މާޔަންގެ މައްސަލައާ ގުޅިގެން ނެރެނު ނިންމުންތަކުގައި ބުނެފައި ވަނީ އޭއެފްސީން އަންހެނުންނަށް ހާއްސަ ގޮނޑިތައް ބޭނުންކުރަނީ "ކެޕް" އެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަން ކުރަނީ ކޮންމެހެން ކުރަން ޖެހޭތީ ކަމަށާއި، އޭއެފްސީން އަންހެނުންގެ ބާރުވެރިކަމަށް ކަނޑައަޅާފައިވާ ގޮނޑިތަކަކީ އަންހެނުންގެ ވިސްނުމަށް ހުޅުވާލެވޭ ގޮނޑިއެއް ނޫން ކަމަށްވެސް ސީއޭއެސްއިން ބުނެފައިވެއެވެ.

މާޔަންގެ ގާނޫނީ ވަކީލުން ޓީމުގެ މަނަގަން ބުނެފައި ވަނީ އެވާހަކަތައް 2016 ވަނަ އަހަރުވެސް އޭއެފްސީއަށް އަންގާފައިވާ ކަމަށާއި، އޭގެ ފަހުންވެސް އެއްވެސް ބަދަލެއް ނުގެނެސް އޮތުމަކީ މާޔޫސްވާ ކަމެއް ކަމަށެވެ. ފީފާއަށް އަންހެން ފުޓުބޯޅަ ވަރަށް މުހިއްމު ކަމަށް ރައީސް ޖިއާނީ އިންފެންޓީނޯ އަބަދުވެސް ވިދާޅުވަމުން ގެންދަވާއިރު، އެ އިދާރާއިން ކުރިއަށް އޮތް ހަތަރު އަހަރު އަންހެން ފުޓުބޯޅައަށް ބިލިއަން ޑޮލަރު ހަރަދުކުރަން ވަނީ ނިންމާފައެވެ.

ފީފާގެ މަސައްކަތަށް މާޔަންގެ ހިތްވަރު މުހިއްމު ކަމަށް މީޑިއަތަކުން ފާހަގަކޮށްފައިވާއިރު، މާޔަން ބުނެފައި ވަނީ މިހޯދުނީ ޕްލެޓްފޯމެއް ކަމަށާއި، މިއީ ހަނު ހުންނާނެ ވަގުތު ނޫން ކަމަށެވެ.

ތަފާތު ޕްރެޝަރުތައް އޮތް މާހައުލެއްގައި ރިޝްވަތުގެ ހުށަހެޅުމަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހޯދީ ކިހިނަކުންތޯ މާޔަން ކުރެން އެހުމުން ބުނެފައި ވަނީ "އެއްވެސް އެއްޗަކަށް، އެއްވެސް ހުށަހެޅުމަކަށް އެކަން ނުކުރާނަން (ނަން ނުނަގާނަން)،" ކަމަށެވެ. މާޔަން ބުނެފައި ވަނީ އެކީގައި ނުކުމެ، ތަފާތުކުރުންތަކާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ނުކުރާހާ ހިނދަކު އަންހެން ފުޓުބޯޅައިގެ އިތުރުން އެހެނިހެން ކަންކަންވެސް އެއް ފަރާތްވެ ބާކީވާނެ ކަމަށާއި، އެ މަންޒަރު ބަލަން ހުންނަން ބޭނުން ނުވާ ކަމަށެވެ.

"މިއީ ބޭއިންސާފުން ކަންތައްތައް ދިމާވި ފުރަތަމަ ފަހަރެއްވެސް ނޫން. އެކަންކަމާ ދެކޮޅަށް ތެދުވުމަކީވެސް އުނދަގޫ ކަމެއް. މިކަމަކީ އެކަމަކު އެހާ އުނދަގޫ ކަމެއްވެސް ނޫން. ހިތްވަރަކީ އެކަނިވެސް ކޮރަޕްޝަންއާ ދެކޮޅަށް، މި ފައިޓް ކުރުން. އެއީ މުޅި ކުޅިވަރުގެ ހުރިހާ އަންހެނުންގެ އުންމީދަށްޓަކައި،" މާޔަން ބުނެފައިވެއެވެ.