ޕީޕީއެމްގެ ވެރިކަމެއްގައި ފުލުހުން "ކޮށާލާނެ" ކަމަށް ބުނެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށްގެންދިޔަ މުޒާހަރާއެއްގެ ތެރެއިން ހައްޔަރުކުރި ޕީޕީއެމްގެ މެމްބަރެއް ކަމަށްވާ ސަމަދު، އަތޮޅުވެހިން ދޫކޮށްލުމުން އޭނާ ޗެނަލް 13 އަށް ދިން އިންޓަވިއެއްގައި ބުނީ ޕީޕީއެމްގެ ވެރިކަމެއްގައި ފުލުހުން "ކޮށާލާނެ" ކަމަށެވެ.

ފުލުހުން ބުނީ ފުލުހުންނަށް އިންޒާރުދިން މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

ސަމަދު ބުނީ އޭނާ ބަންދު ކުރީ ފުލުހުން ދޮގު ހެކިބަސް ދީގެން ކަމަށާއި އަދި އެމީހުން ވަކިވަކިން އޭނާއަށް އެނގޭ ކަމަށެވެ. އަދި އިންސާފު އެމީހުންނާ އަރާ ހަމަވާނެ ކަމަށާއި އެދުވަހުން އެމީހުން ޖަލަށް ދާން ޖެހޭނެ ކަމަށެވެ.

ސަމަދު ބުނީ 2023 ވަނަ އަހަރު އަންނާނީ ޕީޕީއެމްގެ ވެރިކަމެއް ކަމަށާއި ޕީޕީއެމްގެ ވެރިކަމެއްގައި ކޮންމެ ފުލުހަކު ވަކިވަކީން "ކޮށާލާނެ" ކަމަށެވެ.

"އަޅުގަނޑުމެންގެ ވެރިކަމެއް ދެން 2023 ގައި އަންނާނީ، އެ ވެރިކަމަށް އައުމަށްފަހުގައި ވަކިވަކިން ކޮށާލާނަން އެންމެން،" ސަމަދު ބުންޏެވެ.

އޭނާ ބުނީ އޭނާ މުޒާހަރާއިން ހައްޔަރުކޮށްފައިވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މަކަރާއި ހީލަތުން އެންގެވި އެންގުވުމަކަށް ކަމަށާއި އެއީ ދިވެހި ފުލުހުން ހަޑި މުޑުދާރުކޮށް ހިންގި އަމަލެއް ކަމަށެވެ. އަދި އޭނާ މަގުމައްޗަށް ނުކުމެ މުޒާހަރާގައި ބައިވެރިވަނީ، "މާތްވެގެންވާ އިސްލާމްދީން ވެއްޔާ މޮޑެމުން ދާތީ" އެކަން ނިމުމަކަށް ގެނައުމަށްޓަކައި ކަމަށެވެ.