އަންނަ އޭޕްރީލް މަހުގެ 10ގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި 272،480 މީހުން ވޯޓުލުމަށް ޝަރުތު ހަމަވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ޝަރީފް ވިދާޅުވީ، އެހެންކަމުން އެ އަދަދަށް އެއް ޕަސެންޓް އިތުރުކޮށް، ވޯޓު ކަރުދާސް ޗާޕް ކުރަން ހަވާލުކުރާނެ ފަރާތެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިމަހުގެ 22 ގައި ވޯޓު ކަރުދާސް ޕްރިންޓު ކުރުުމުގެ މަސައްކަތް އެ ފަރާތާ ހަވާލުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެއީ ކޮން ފަރާތެއް ކަމެއް ޝަރީފް މިއަދު ވިދާޅެއް ނުވެއެވެ.

ޝަރީފް ވިދާޅުވީ، މާލޭ ސިޓީގައި 51،499 ފަރާތަކުން ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައި 25،055 މީހަކު، ފުވައްމުލަކުގައި 9177 މީހަކު، ކުޅުދުއްފުށީ ސިޓީގައި 6825 މީހަކު އަދި އެހެނިހެން އަތޮޅުތަކުން 179،924 މީހުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށްވެެސް ވިދާޅުވިއެވެ.