އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ، އޭނާއާ ޑައިރެކްޓް ކޮންޓެކްޓުވި 16 މުވައްޒަފުން އައިސޮލޭޓް ކޮށްފައިވާ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބާ ބެހޭ މައުލޫމާތުދިނުމަށް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ކޮމިޝަންގެ ރައީސް ވިދާޅުވީ، ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ އެ ކޮމިޝަންގެ ބިއުރޯގެ މުވައްޒަފެއްގެ ފިރިމީހާ ކަމަށެވެ.
ނަމަވެސް މިހާރު އެ މުވައްޒަފުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެހެންކަމުން އޭނާއާ ޑައިރެކްޓް ކޮންޓެކްޓުވި 16 މުވައްޒަފުން ކަރަންޓީނު ވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، ކޮވިޑް ޓެސްޓުގެ ނެގެޓިވް ނަތީޖާއެއް ހިފައިގެން ނޫނީ އޮފީހަށް ނުނިކުތުމަށް އެ މުވައްޒަފުންނަށް އަންގާފައިވާ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، އިންތިހާބު ބާއްވަންޖެހޭ، އެޗްޕީއޭގެ ގައިޑްލައިނާ ގުޅިގެން އިންތިހާބުގެ ކަންތައްތަކަށް އެކި ތަންތަނުން މީހުން ނަގާފައިވުމުގެ ސަބަބުން، ކޮވިޑުގެ ހާލަތު އިތުރަށް ކުރިއަށްދާނަމަ ޕޮޒިޓިވް ކޭސްތައް އިތުރުވެ، ކަރަންޓީނަށް ދާންޖެހޭ އަދަދު އިތުރުވެދާނެ ކަމަށެވެ.