ޚަބަރު

ރާއްޖެ ގޮނޑުވުމާއި، ކަރަންޓު ބިލު ބޮޑުވުމާއި، ޓްރާސްޕޯޓް ހިދުމަތް ލަސްވާ މައްސަލަ ގާސިމް ބަލަންޖެހޭ: ބޮންޑޭ

އިބްރާހިމް ޒަކީ

މުޅި ރާއްޖެ ގޮނޑުވަމުންދާ މައްސަލަ އާއި، ސްޓެލްކޯގެ ކަރަންޓް ބިލު ބޮޑުވާ މައްސަލަ އާއި، ޓްރާންސްޕޯޓް މިނިސްޓްރީގެ ހިދުމަތްތައް ލިބުން ލަސްވާ މައްސަލަ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ބައްލަަވަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ބޮންޑޭ ވިދާޅުވީ، ގާނޫނުތަކެއް ހަދައި މުއައްސަސާތަކަށް ބޭފުޅުން އައްޔަން ކުރިޔަސް އެ ގާނޫނުތައް ތަންފީޒު ނުކުރެވެންޏާ ނަތީޖާ ފެންނަމުން ނުދާނެ ކަމަށެވެ. އަދި ގާނޫނު ތަންފީޒު ކުރަން ފަހަތުން ދުވަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މެންބަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ، ކޯލިޝަން ސަރުކާރެއް ކަމުން، ސަރުކާރުގެ ތެރޭގައި ކުދި ސަރުކާރުތަކެއް ހިމެނޭ ކަމަށެވެ. ބޮންޑޭ އިޝާރާތް ކުރެއްވީ، ސަރުކާރު ކޯލިޝަންގެ ތެރޭގައި ހިމެނޭ ޕާޓީތަކަށް ދީފައިވާ ސްލޮޓްތަކަކީ ނިސްބަތްވާ ޕާޓިގެ ސަރުކާރުގެ ގޮތުުގައެވެ.

އެގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީ އާއި، ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި ސްޓެލްކޯ ނިސްބަތް ވަނީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށްކަން ފާހަގަކުރައްވައި ބޮންޑޭ ވިދާޅުވީ، ސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން ގާސިމަށް ނިސްބަތްވާ ވުޒާރާތަކުން ރައްޔިތުންނަށް ހިދުމަތް ދިނުން އަވަސް ކުރަންޖެހޭ ކަމަށެވެ.

އެކަންތައްތަކަކީ ޖޭޕީގެ ލީޑަރުގެ ހައިސިއްޔަތުން ގާސިމް ބައްލަވަންޖެހޭނެ ކަންތައްތައް ކަމަށާއި، އެފަދަ ވުޒާރާތަކުން ފޯރުކޮށްދޭންވާ ވަރަށް ހިދުމަތް ފޯރުކޮށްނުދިނުމުގެ ސަބަބުން ބަދުނާމު ވަނީ ރައީސް ސޯލިހު ކަމަށްވެސް ވިދާޅުވިއެވެ.