އިންޑިއާގެ ސިރަމް އިންސްޓިޓިއުޓްގައި އުފައްދާ އޮކްފޯޑް-އެސްޓްރަޒެނެކާގެ "ކޮވިޝީލްޑް" ވެކްސިން ބޭނުންކުރުމުގެ އެމަޖެންސީ ހުއްދައެއް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ދީފިއެވެ.

އޮކްސްފޯޑް-އެސްޓްރެޒެނެކާގެ ކޮވިޑް ވެކްސިން 18 އަހަރުން މަތީ އެންމެންނަށް ޖަހަން މީގެ ކުރިން ޑަބްލިއުއެޗްއޯއިން ވަނީ ލަފާ ދީފިއެވެ.

އިންޑިއާއިން ހަދިޔާކޮށްގެން ރާއްޖޭގައި ޖަހާ "ކޮވިޝީލްޑް" ވެކްސިނަކީ ވެސް އޮކްފޯޑް-އެސްޓްރަޒެނެކާގެ ވެކްސިނެކެވެ. އެސްޓްރަޒެނެކާ ވެކްސިން އަދި ކޮވިޝީލްޑް ވެކްސިން ވެސް އުފައްދަނީ އެއް ފޯމިއުލާއެއް ބޭނުންކޮށްގެންނެވެ.

ޑަބްލިޔުއެޗްއޯ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮގަނައިޒޭޝަންގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޮސް އަދަނޮމް ވިދާޅުވީ އޮކްސްފޯޑް-އެސްޓްރާޒެނެކާގެ ދެ ވެކްސިނަކަށް މިއަދު އެމަޖެންސީ ހުއްދަ ދީފައިވާ ކަމަށެވެ. އެގޮތުން ހުއްދަ ދީފައިވަނީ ރަޝިއާގެ އެސްކޭބަޔޯގައި އުފައްދާ ވެކްސިނާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓްގައި އުފައްދާ ވެކްސިނަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޓެޑްރޮސް އަދަނޮމް ވިދާޅުވީ މި ދެ ވެކްސިނަކީ އޮކްސްފޯޑް-އެސްޓްރާޒެނެކާގެ ފޯމިއުލާއަށް އުފައްދާ ދެ ވެކްސިނެއް ނަމަވެސް މި ދެ ވެކްސިނަށް ވަކިވަކިން ހުއްދަ ދީފައިވަނީ ދެ ވެކްސިން ވެސް އުފައްދަނީ ދެ ފެކްޓަރީއެއްގައި ކަމުގައިވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮވެކްސް މެދުވެރިކޮށް މި ދެ ވެކްސިން ދުނިޔޭގެ ހުރިހާ ސަރަހައްދުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރެވެމުންދާނެ ކަމަށެވެ. ނަމަވެސް އިތުރު ވެކްސިން ޑޯޒްތައް ބޭނުންވާ ކަމަށާއި ފެކްޓްރީތަކުން ވެކްސިން ޑޯޒްތައް އަވަހަށް އުފައްދަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ކޮވިޑާ ދެކޮޅަށް އެކި ގައުމުތަކުގައި އުފައްދާ ވެކްސިންތައް ރިވިއު ކުރުމަށް ޑަބްލިޔުއެޗްއޯއަށް ފޮނުވަން ޖެހޭ ކަމަށެވެ. އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަވަހަށް ހުއްދަ ދެވި، ގިނަ ގައުމުތަކަށް ވެކްސިންތައް ފޯރުކޮށްދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ދެ ވެކްސިނާއެކު ޑަބްލިޔުއެޗްއޯއިން ވަނީ މިހާތަނަށް ތިން ވެކްސިނަކަށް އެމަޖެންސީ ހުއްދަދީފައެވެ. މީގެ ކުރިން ވަނީ ބައޯއެންޓެކް ފައިޒާގެ ވެކްސިން ބޭނުން ކުރުމުގެ އެމަޖެންސީ ހުއްދަ ވެސް ދީފައެވެ.

ރާއްޖެއަށް އިންޑިއާއިން ވަނީ ކޮވިޝީލްޑްގެ އެއް ލައްކަ ޑޯޒް ހަދިޔާކޮށްފައެވެ. އެގޮތުން މިހާތަނަށް 43،817 މީހަކު ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހައިފައެވެ. އަދި އިންޑިއާއިން ދީފައިވާ އެއް ލައްކަ ޑޯޒް ހުސްވަންދެން ޖެހުމަށް މިހާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ނިންމައިފައެވެ.