އެއްލައްކަ ޑޯޒުގެ ކޮވިޝީލްޑް ވެކްސިން ހުސްވަންދެން ފުރަތަމަ ޑޯޒް ދެމުންގެންދާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެކްސިން އޮޕަރޭޝަންސްގެ ފަރާތުން މުހައްމަދު ހަމްޒަތު ވިދާޅުވީ، ވެކްސިން ދޭން ކުރިން ރޭވި ގޮތަށް ބަދަލު ގެނެސް، މިހާރު ލިބިފައި ހުރި ޑޯޒުތައް ހުސްވަންދެން ފުރަތަމަ ޑޯޒް ދެމުންގެންދާނެ ކަމަށެވެ.
"50،000 ޑޯޒް އެއީ އެއްލައްކަ ޑޯޒް ލިބުނީމަ ދެކެވުނު ވާހަކައަކަށް ވެދާނެ. އަޅުގަނޑުމެންނަށް އިތުރު ވެކްސިން ލިބޭނެ. އަޅުގަނޑުމެން މި ގަސްތުކުރަނީ ފުރަތަމަ ލިބިފައިވާ 100،000 ޑޯޒްއާ އެކީއާއި ގިންތިތައް އިތުރުކޮށްގެން ޖެހުމަށް. އެހެންކަމުން ފުރަތަމަ ބުރުގައި 100،000 ޑޯޒް ޖަހާނެ،" ހަމްޒަތު ވިދާޅުވިއެވެ.
ހަމްޒަތު ވިދާޅުވީ، މިމަސް ތެރޭގައި ވެކްސިންގެ އިތުރު ޑޯޒްތަކެއް ރާއްޖެއަށް ލިބޭނެ ކަމަށެވެ.
މި މަސް ނިމުމުގެ ކުރިން ކޮވިޑް ވެކްސިންގެ އިތުރު 100،000 ޑޯޒް ރާއްޖެ ގެނެވޭނެކަމަށް އުންމީދުކުރެވޭ ކަމަށް ރައީސް އޮފީހުން ވެސް މިދިޔަ ހަފުތާގައި ވަނީ ބުނެފައެވެ. ޗައިނާއިންވެސް ވަނީ ރާއްޖެއަށް ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް ހަދިޔާކުރަން ނިންމައިފައެވެ.
އޭގެ އިތުރުން ސަރުކާރުން ވަނީ އެސްޓްރާޒެނެކާ ވެކްސިންގެ 700،000 ޑޯޒް ގަތުމަށް އެކުންފުންޏާއެކު އެއްބަސްވުމެއްވެސް ހަދައިފައެވެ. އަދި ރާއްޖޭގައި މިހާރުވެސް ސައިނޯފާމް ވެކްސިންގެ 10،000 ޑޯޒް އެބަހުއްޓެވެ. ނަމަވެސް ރާއްޖޭގައި އެ ވެކްސިން ޖެހުމަށް އަދި ހުއްދަ ލިބިފައެއް ނުވެއެވެ.
ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މިއަދާ ހަމައަށް ރާއްޖެއިން ޖުމުލަ 43،817 މީހުން ވަނީ ވެކްސިން ޖަހައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު