ކޮވިޑް 19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، މި ބައްޔާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި، އެ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމުގައި ރައްޔިތުންނަށް ނަމޫނާ ދެއްކެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންގެ ކިބައިން އެދިވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނު މިކަމަށް ގޮވައިލެއްވީ، ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅަ ކްލަބްތަކުގެ ބައެއް އިސް ބޭފުޅުންނާއެކު މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖެއިން ކޮވިޑް 19ގެ އާ ވޭރިއަންޓެއް ފެނި، ކޮވިޑުގެ ތިންވަނަ ރާޅެއް އައުމާއެކު މާލެ ސަރަހައްދުގެ ހުރިހާ ކުޅިވަރު މުބާރާތްތައް ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގައިފައެވެ. އެ އެންގުމާއެކު ރާއްޖޭގެ ފުޓުބޯޅަވެސް އަނެއްކާ ހުއްޓި، ދިވެހި ޕްރިމިއާ ލީގު ވަނީ މެދުކަނޑާލަން ޖެހިފައެވެ.
މިދިޔަ ސީޒަންވެސް މެދުތެރެއިން ހުއްޓާލައި، ކެންސަލް ކުރަން ޖެހިފައި އޮތް އޮތުމުން ކްލަބުތަކަށް ހަމަ ނޭވައެއް ނުލެވިގެން އުޅެނިކޮށް، ލީގު އަލުން ހުއްޓާލުމާއެކު ހުރިހާ ކްލަބުތަކާއި ކުޅުންތެރިން، އަދި ކޯޗުންވެސް ވަނީ އެކަމުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ހާމަކޮށްފައެވެ.
ރައީސާ ބައްދަލުކުރަން ކްލަބުތަކުން ހާއްސަ އެޕޮއިންޓްމަންޓަކަށް އެދި، މިއަދު ބައްދަލުކޮށްފައިވާ އިރު، ރައީސް ވިދާޅުވީ ކުޅިވަރުގެ ފަންނުވެރިން، އަދި ހާއްސަކޮށް އާންމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކުޅިވަރު ކުޅުންތެރިންނަކީ، ރައްޔިތުންގެ އިހުތިރާމާއި ގަދަރު ލިބިފައިވާ ބައެއް ކަމަށެވެ. އެހެންކަމުން، ސިއްހީ ހިދުމަތްތެރިންނެކޭ އެއްފަދައިން އެބޭފުޅުންނަށް ވެސް، ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަމުގައިވާ ގައިދުރުކަމާއި، މޭސްކު އެޅުމާއި، އާންމު ސާފުތާހިރުކަމުގެ އަމަލުތަކަށް އާންމުން ހޭލުންތެރިކޮށް، ނަމޫނާ ދެއްކުމުގައި މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އޭގެ އިތުރުން ވެކްސިން ޖެހުމަށް އާންމުންނަށް ބާރު އެޅުމަށް ވެސް އެ ބޭފުޅުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކުލަބުތައް ތަމްސީލުކުރައްވާ ބޭފުޅުން ވަނީ، ދިވެހި ފުޓުބޯޅަ ލީގުގެ މެޗުތައް އަލުން ފެށުމާ ގުޅޭގޮތުން ވެސް އެ ބޭފުޅުންގެ ހިޔާލުތައް ރައީސްއާ ހިއްސާކުރައްވައިފައެވެ. އަދި، މިކަމުގައި ހުރި ގޮންޖެހުންތަކާއި، އެކަންކަން ހައްލު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން، ކުލަބުތަކަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ވާހަކަވެސް އެބޭފުޅުން ރައީސްއާ ހިއްސާކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، ގުޅުންހުރި ވުޒާރާތަކާއި މަޝްވަރާކުރައްވައި، ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. ހަމަ އެއާއެކު، އެމަނިކުފާނު ވަނީ ކުޅުންތެރިންނެކޭ އެއް ފަދައިން، ކުލަބުތަކުން ވެސް އިސްނަގައިގެން ކޮވިޑުގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އެހެން މީހުންނަށް ވެސް އެކަމަށް ގޮވާލުމަށް އެދިވަޑައިގަންނަވައިފައެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވެފައި ވަނީ ލީގު އަވަހަށް ފެށުމުގެ ގޮތުން، ކްލަބުތަކުގެ ހުރިހާ އޮފިޝަލުންނާއި ކުޅުންތެރިންގެ އިތުރުން އެފްއޭއެމްގެ ޓެކްނިކަލް ޓީމުގެ އެންމެންނަށް ވެކްސިން ދޭން މިހާރު ނިންމާފައިވާ ކަމަށެވެ. އެކަމަށް މަގުފަހިކޮށްދިން ކަމަށްޓަކައި، ޔޫތު މިނިސްޓަރު މަހުލޫފްގެ އިތުރުން ހެލްތު މިނިސްޓަރު ނަސީމް ކުރެއްވި މަސައްކަތް ބައްސާމް ވަނީ ފާހަގަކުރައްވައިފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު