ފުވައްމުލަކު ސިޓީން އިތުރު ހަތަރު މީހަކު ކޮވިޑް 19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ ފުވައްމުލަކުން މިއަދު އިތުރު ހަތަރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
"އެއާއެކު ފުވައްމުލަކުން ޕޮޒިޓިވްވީ މީހުންގެ އަދަދު މިވަނީ 21 އަށް އަރާފައި،" ނާސިރު ވިދާޅުވިއެވެ.
ފުވައްމުލަކުން އެންމެ ފުރަތަމަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މިމަހުގެ ހަތްވަނަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިންނެވެ. އެމީހާ އަކީ ދުބާއީއިން އައިސް ފުވައްމުލަކުގައި ކަރަންޓީނުގައި ހުއްޓައި ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި މީހެކެވެ.
ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ފުވައްމުލަކު އޮތީ މޮނިޓަރިންގައެވެ.
ފުވައްމުލަކުން ޕޮޒިޓިވް ކޭސްތަކެއް ފެނުމުން އެ ސިޓީގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން ރޭގަނޑު 8:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ. އަދި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށްވެސް ވަނީ އަންގައިފައެވެ.
އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދު ކުރަން ވެސް ވަނީ އަންގައިފައެވެ.
މީގެ އިތުރުން ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލުމަށާއި ޔުނިވާސިޓީތަކާއި ކޮލެޖް ސްކޫލުތަކަށް ދަރިވަރުން ހާޒިރުކޮށްގެން ކިޔަވައި ދިނުން ހުއްޓާލަންވެސް ވަނީ އަންގައިފައެވެ. އަދި ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރަންޓްތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށްވެސް އަންގާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު