ޖިންސީ އަނިޔާ ދިނުމުގެ ސީރިއަސް ތުހުމަތުތަކެއްކޮށް، ދައުވާ އުފުލާފައިވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ނެރުނު ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުގެ މައްސަލައެއް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއޭސްސީ)އަށް ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުން "ވަން" އަށް ބުނީ ކްރިމިނަލް ކޯޓުން އަލީ ވަހީދު ޕާސްޕޯޓް ދޫކޮށްލުމަށް ނިންމެވި ނިންމެވުމާ ގުޅިގެން ގާޒީ ހަސަން ސައީދުގެ މައްސަލައެއް ޖޭއެސްސީގެ ސަމާލުކަމަށް ގެނައުމަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށެވެ. އެ މައްސަލަ ޕީޖީން ޖޭއެސްސީއަށް ހުށަހަޅާފައިވަނީ އިއްޔެއެވެ.
އަލީ ވަހީދުގެ މައްޗަށް މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ތުހުމަތުތަކެއް ކުރުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާއަށް ފުރުން މަނާކޮށް ޕާސްޕޯޓް އޮތީ ހިފަހައްޓައިފައެވެ. އެ މައްސަލަތަކުގައި އޭނާއަށް ވަނީ ދައުވާވެސް ކޮށްފައެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގައި އޭނާގެ ސިއްހީ ހަލަތު ބަޔާންކޮށް ސިއްހީ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދައަށް އެދުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލުމަށް އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ބުނެފައިވަނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ޖާމިނުވާނެ (ޒިންމާ އުފުލާނެ) ފަރާތެއް ހުށަހެޅުމުން ކަމަށެވެ. ޒިންމާވާނެ ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަސްހަދު އަލީ (އަޑުބަރޭ)އެވެ.
ޕީޖީ އޮފީހުން މީގެ ކުރިން ބުނީ ޕީޖީ އޮފީހުން އިތުރަށް ބުނީ، އެދުވަހު ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކުރަން ނިންމީ ރަނގަޅަށް ކަމަށް ނުދޭ ކަމަށެވެ. އެ މައްސަލަ މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ޕީޖީ އޮފީހުން ބުނީ ވަކި މުއްދަތަކަށް ޝަރުތުކޮށް ޕާސްޕޯޓު ދޫކުރިކަމުގައި ވިޔަސް އަލީ ވަހީދު ރާއްޖޭން ފުރާ ހިސާބުން ފެށިގެން އެ އަމުރު އަލީ ވަހީދުގެ މައްޗަށް ތަންފީޒު ނުކުރެވޭނެ ކަމަށާއި މީހަކު ޖާމިނުކުރިކަމުގައި ވިޔަސް އަލީ ވަހީދުގެ ޖާމިނު ޒިންމާކުރެވޭ ކަމާމެދު އެއްވެސް ޔަގީންކަމެއް ނެތް ކަމަށެވެ. އެހެންކަމުން ޖާމިނުކޮށް، ޕާސްޕޯޓު ދޫކުރުމަށް އިއުތިރާޒު ކުރާ ކަމަށް ބުނެފައިވާނެ ކަމަށް ޕީޖީން ބުނެފައިވެއެވެ.
ކޯޓު އަމުރުގައި އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި އަލީ ވަހީދު އެނބުރި އައިސްފައިނުވާނަމަ، އޭނާގެ މައްޗަށާއި އޭނާ ޖާމިނު ކޮށްފައިވާ މީހާގެ މައްޗަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް އެކަމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން އެ އޮފީހުން ކުރަމުން ގެންދާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ގާޒީ ހަސަން ސައީދުގެ މައްސަލައެއް ޖޭއެސްސީއަށް އަނެއްކާވެސް ހުށަހަޅާފައިވާ އިރު، މީގެ ކުރިން ފެމިލީ ކޯޓުގައި ކުރިމަތިވި ޖިންސީ ފުރައްސާރައިގެ މައްސަލައެއް އޮއްބާލަން އުޅުއްވި ކަމުގެ ތުހުމަތުގައި އޭނާގެ މައްސަލައެއް ޖޭއެސްސީން ވަނީ ބަލައިފައެވެ. އަދި އެ މައްސަލަ ބަލައި ޖޭއެސްސީން ތަހުގީގު ނިންމީ ފަނޑިޔާރުގެ މަގާމުން ވަކިކުރާށެވެ. ނަމަވެސް ފިޔަވަޅެއްގެ ގޮތުގައި ނަސޭހަތްދިނުމަށްފަހު، ކުރިމިނަލް ކޯޓަށް ބަދަލުކުރަން ޖޭއެސްސީން ނިންމިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު