ރާއްޖޭގެ ފުޓުބޯޅަ ހުއްޓިފައި އޮތުމާއެކު އެކަމުގެ ސަބަބުން ކްލަބުތަކާއި ކުޅުންތެރިންނަށް ދިމާވާ ދަތިތައް ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހިއްސާކުރުމަށް ހާއްސަ ސިޓީއެއް ފޮނުވައި، ރައީސާ ބައްދަލު ކުރުމަށް އެޕޮއިންޓްމަންޓަކަށް އިއްޔެ އެދިފައިވާއިރު، އެ ބައްދަލުން މިއަދު 2:20 އަށް ތާވަލު ކޮށްފިއެވެ.

ކްލަބުތަކުގެ ފަރާތުން، ރާއްޖޭގެ ފުރަތަމަ ޑިވިޝަން ކްލަބެއްގެ އިސް އޮފިޝަލަކު "ވަން"އަށް ވިދާޅުވެފައިވަނީ މިއަދު ބައްދަލުކުރުމަށް ހުރިހާ ކްލަބުތަކަކަށްވެސް ރައީސް ދައުވަތު ދެއްވާފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް 19ގެ އާ ވޭރިއަންޓެއް ފެނި، ކޮވިޑުގެ ތިންވަނަ ރާޅެއް އައުމާއެކު މާލެ ސަރަހައްދުގެ ހުރިހާ ކުޅިވަރު މުބާރާތްތައް ހުއްޓާލަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގައިފައެވެ. އެ އެންގުމާއެކު ރާއްޖޭގެ ފުޓުބޯޅަވެސް އަނެއްކާ ހުއްޓުމަކަށް އައީއެވެ. ދިވެހި ޕްރިމިއާ ލީގު އެކަންޏެއް ނޫނެވެ، ތިންވަނަ އަދި ދެވަނަ ޑިވިޝަންވެސް މުއްދަތެއް ނެތް ގޮތަށް ފަސްވެގެން ދިޔައީއެވެ. މިދިޔަ ސީޒަންވެސް މެދުތެރެއިން ހުއްޓާލައި، ކެންސަލް ކުރަން ޖެހިފައި އޮތް އޮތުމުން ކްލަބުތަކަށް ހަމަ ނޭވައެއް ނުލެވިގެން އުޅެނިކޮށް، ލީގު އަލުން ހުއްޓާލުމާއެކު ހުރިހާ ކްލަބުތަކާއި ކުޅުންތެރިން، އަދި ކޯޗުންވެސް ވަނީ އެކަމުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ހާމަކޮށްފައެވެ.

ހުރިހާ ކްލަބުތަކެއް ބޭއްވި ޕްރެސްގައިވެސް ކްލަބުތަކުގެ ފަރާތުން ރައީސާ ހަމައަށް ދާން ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން ކްލަބުތަކުގެ ފަރާތުން މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބު (ވައްކޭ) އެދުވަހު ޕްރެސްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަން ތައްޔާރަށް ތިއްބެވިކަމަށް ފާހަގަކުރައްވައި ރައީސްގެ އެޕޮއިންޓްމަންޓަކަށް އެދިވަޑައިގެންފައިވެއެވެ. އަދި ފުޓުބޯޅަ އަލުން އަނބުރާ ފެށުމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރައްވަމުން ގެންދަވާ މަސައްކަތަކަށް ކްލަބުތަކުން ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް މިއަދު ވިދާޅުވެފައި ވަނީ ލީގު އަވަހަށް ފެށުމުގެ ގޮތުން، ކްލަބުތަކުގެ ހުރިހާ އޮފިޝަލުންނާއި ކުޅުންތެރިންގެ އިތުރުން އެފްއޭއެމްގެ ޓެކްނިކަލް ޓީމުގެ އެންމެންނަށް ވެކްސިން ދޭން މިހާރު ނިންމާފައިވާ ކަމަށެވެ. އެކަމަށް މަގުފަހިކޮށްދިން ކަމަށްޓަކައި، ޔޫތު މިނިސްޓަރު މަހުލޫފްގެ އިތުރުން ހެލްތު މިނިސްޓަރު ނަސީމް ކުރެއްވި މަސައްކަތް ބައްސާމް ވަނީ ފާހަގަކުރައްވާފައެވެ.