ޒުވާނުން އެކަކު އަނެކަކާ ބައްދަލުކޮށް، ހީ ސަމާސާކޮށް މަޖާކޮށްލާނެ މަރުކަޒެއް ގާއިމް ކުރުމަށް ސަރުކާރަށް ގޮވާލައި ހުށަހެޅި ގަރާރަށް ބަހުސް ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ހުށަހެޅުއްވި މި ގަރާރު މަޖިލީހަށް ބަލައިގަތީ، ޖަލްސާގައި ތިއްބެވި 36 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 34 މެންބަރުންގެ އިއްތިފާގުންނެވެ.
މި ގަރާރު މަޖިލީހަށް ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް މަޖިލިސް ރައީސް ފޮނުއްވިއެވެ.
ރައްޔިތުންގެ މަޖިލީހުގައާއި ސޯޝަލް މީޑިއާގައި ހޫނު ބަހުސެއް ކުރިއަށްދިޔަ، މި ގަރާރުގައި ބުނެފައިވަނީ މާލެއަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތަކަކީ އެ މައްސަލަތަކުން މުޅިން އަރައިގަތުމަށް އިންތިހާއަށް އުނދަގޫތައް ދިމާވެފައިވާ މައްސަލަތަކެއް ކަމަށެވެ. އަދި ޒުވާނުންނަށް ރައްޓެހިންނާއި އެކުވެރިންނާއި ހީ ސަމާސާކޮށް މަޖާކޮށްލެވޭ ފަދަ މާހައުލެއްގައި މިޔުޒިކް އަޑުއަހާލައި ވަގުތު ހޭދަކޮށްލެވޭނެ މަރުކަޒަކަށް އިންތިހާއަށް ބޭނުންވެފައިވާ ކަމަށެވެ. ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހައިލަން ޒުވާނުންނަށް އެއްވެ އުޅެވޭނެ ތަނެއް ވަރަށް މުހިންމު ކަމަށްވެސް އެ ގަރާރުގައިވެއެވެ.
ގަރާރުގައި ވަނީ ދިވެހި ޒުވާނުންގެ ތެރޭގައި އާދަޔާ ހިލާފު ކުޅަދާނަ ފަންނާނުން އެބަތިބި ކަމަށާއި މިޔުޒިކްގެ ހުނަރު ދަސްކުރާން ބޭނުން އެތައް ޒުވާނުންނެއްވެސް އެބަތިބި ކަމަށެވެ. އެހެންކަމުން، މިޔުޒިކް ރެކޯޑިންގް ސްޓޫޑިއޯ އާއި ބޭންޑް ޕްރެކްޓިސް ރޫމް ފަދަ ވަސީލަތްތައް އެމަރުކަޒުގައި ހުންނަން ޖެހޭ ކަމަށާއި ރަނގަޅު އަދަދެއްގެ އޯޑިއެންސަކަށް ޝޯ ދެވޭނެ އިންތިޒާމު އެ މަރުކަޒުގައި ހަމަޖެހުން މުހިއްމު ކަމަށެވެ.
"އެ ޒުވާނުންގެ ހުނަރު އާލާކޮށް، އިތުރަށް ކުރިއެރުވުމުގައި ދައުލަތުގެ ޒިންމާ ބޮޑު. އެ ޒުވާނުންގެ އެ އާދަޔާ ހިލާފު ހުނަރު ބޭނުންކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ދައުލަތުގެ މަސްއޫލިއްޔަތެއް،" ގަރާރުގައިވެއެވެ.
ގައުމެއްގެ ގައުމިއްޔަތު ރަމްޒުކޮށްދޭ އެންމެ މުހިއްމު އެއް އުންސުރަކީ އެ ގައުމެއްގެ ސަގާފަތް ކަމަށާއި ސަގާފީ ކުޅިވަރާއި މިޔުޒިކާއި ކުރެހުމާއި ދިރިއުޅުމުގެ ވައްޓަފާޅިއާއި ވާހަކަ ދައްކައި އުޅޭ ބަހާއި ދޭދޭ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ކަމަށެވެ. ރާއްޖޭގެ ގައުމިއްޔަތުގެ ވެސް އެންމެ މުހިއްމު އެއް އުންސުރަކީ ދިވެހި ލަވަޔާއި މިޔުޒިކު ކަމަށާއި ޒަމާނުއްސުރެ ދިވެހީން ކުޅެމުން އައި ކުޅިވަރުތަކާއި ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ދޭދޭ މީހުންގެ ދެމެދުގައި އޮންނަ ގުޅުން ކަމަށްވެސް ގަރާރުގައިވެއެވެ.
މިކަންކަން މިއަދު މިވަނީ ނެތި ދިއުމުގެ މަގުމަތީގައި ކަމަށާއި ދިވެހި ލަވަ އާއި މިޔުޒިކްގެ ޝައުގުވެރިކަން ޒުވާނުންގެ ކިބައިގައި އަށަގެންނެވުމަކީ މިއަދު ކޮންމެހެންވެސް ކުރާން ޖެހިފައި އޮތް ކަމެއް ކަމަށްވެސް ބުނެފައިވެއެވެ. އަދި ދިވެހީންގެ ސަގާފަތް އަންނަން އޮތް ޖީލަށް ވާސިލުކޮށްދިނުމުގެ މަސްއޫލިއްޔަތަކީ މިއަދުގެ ޒުވާނުންގެ ކޮނޑުގައި އެޅިފައިވާ ގައުމީ ޒިންމާއެއް ކަމަށްވެސް ގަރާރުގައިވެއެވެ.
އެހެންނަމަވެސް އަންނަން އޮތް ޖީލަށް ދިވެހީންގެ ސަގާފަތް އަމާނާތްތެރިކަމާއެކު ފޯރުކޮށްދެވުމާއި ފޯރުކޮށްނުދެވުން ބިނާވެފައިވަނީ މިއަދު ދައުލަތުން ޒުވާނުންނާ މެދު އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށާއި ޒުވާނުންގެ އެ މުހިއްމު ބޭނުންތަކަކީ ސަރުކާރުން އިޖާބަދޭންވާނޭ ކަންކަން ކަމަށްވެސް ގަރާރުގައިވެއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް